ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް އަދި ސޮއި ނުކުރައްވާ ކަމަށް އެ ދެބޭފުޅުން ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނެލްގެ "ހަވާސާ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޖޭފޯ އާއި މޮސްޓާ އެމްއެންޕީއަށް ސޮއިނުކުރައްވާކަން ހާމަކުރެއްވި އިރު، އެ ދެ ބޭފުޅުންނަކީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއާއެކު ޕާޓީ އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ.
ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޖޭފޯ ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވީ ކަންތައްތަކަކަށް އެއްބަސްވެގެން ކަމަށާއި އޭރު އިތުރު ދެ މަޖިލިސް މެންބަރަކު ވެސް ޕާޓީއަށް ސޮއިކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފަސް މީހުން ނޫސް ކޮންފަރެންސަށް އެ ދުވަހު އަރާ ތިބީ އެއްބަސްވުމެއް އެއްބަސްވެގެން މި ޕާޓީ ވުޖޫދުކުރުމަށްޓަކައި. އެ އެއްބަސްވުން އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އެބައޮތް. އެހެންނަމަވެސް އަޅުގަނޑު އެމްއެންޕީގެ ފޯމުގައި ސޮޔެއް ނުކުރަން. އެމްއެންޕީއާ އެއްކޮށް އަޅުގަނޑު ކުރަމުންދިޔަ މަސައްކަތް ރަސްމީކޮށް އަޅުގަނޑު މި ހުއްޓާލީ. ނަމަވެސް އޭގެ މާނައަކީ ކުރިއަށް އޮތް ތަނުގައި މި ޕާޓީއާއެކު ކުރިއަށް ނުދާނަމެކޭ ނޫން،" ޖޭފޯ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ މިހާރުގެ ސިޔާސީ މަޝްރަހު ކުރިއަށްދާ ގޮތަށް ބަލާފައި ސޮއިކުރަން އެންމެ ރަނގަޅު ޕްލެޓުފޯމުތޯ ވިސްނަމުންދާ ކަމަށާއި ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ނޫސް ކޮންފަރެންސަށްފަހު އެމްއެންޕީގެ މަސައްކަތުގެ ތެރެއިން އޭނާ ނުފެންނާނެ ކަމަށެވެ.
"އަޅުގަނޑު ވެސް އަދި ސޮޔެއް ނުކުރަން ޕާޓީއަކަށް. އެކަމަކު ޕާޓީ އުފައްދަން މަސައްކަތްކުރަން އެންމެ ފުރަތަމަ ދުވަހު ވެސް ވައުދުވިން. ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނުފެނެއެއްނޫންތޯ. އެހިސާބުން ފެށިގެން އެމްއެންޕީއާއެކު މަސައްކަތްކުރުން ވާނީ ހުއްޓާލާފައި،" އޭނާ ވިދާޅުވިއެވެ.
ޖޭފޯ ވިދާޅުވީ އެމްއެންޕީއަކީ އާ މީހުންނަށް ފުރުސަތު އޮތް ޕާޓީއަކަށް ހެދުމަށާއި އެހެން ޕާޓީތަކާ ތަފާތު ވިސްނުންތަކެއް ގެންގުޅޭ ޕާޓީއަކަށް ހެދުމަށް ވާހަކަދެކެވުނު ކަމަށާއި ނަމަވެސް ނޫސް ކޮންފަރެންސް ބޭއްވި ދުވަހު ކާނަލް ނާޒިމް ދެއްކެވި ވާހަކައަކުން ކުޑަކޮށް ސިއްސައިގެން ދިޔަ ކަމަށެވެ.
"އެވަގުތު ނާޒިމް އިއުލާންކުރެއްވީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނުކުންނާނަމޭ. ކުއްލިއަކަށް އެގޮތަށް ވިދާޅުވީމަ، މި ޕާޓީއާ ގުޅެން ތިބޭ މީހުން މަދުވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ. އެހެންވީމާ އާ މީހުންނަށް ފުރުސަތު ބަންދުވާ ކަހަލަ ގޮތަކަށް އަޅުގަނޑަށް ސިފަވީ،" އޭނާ ވިދާޅުވިއެވެ.
އެމްއެންޕީ އުފެއްދުމަށް 5000 ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު