އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 165 ކެންޑިޑޭޓުން ވޯޓަކާ ނުލައި އިންތިހާބުވެއްޖެއެވެ.

އެމްޑީޕީން މިއަދު ވަނީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް އިންތިހާބުވި ފަރާތްތައް އިއުލާނުކޮށްފައެވެ. އެގޮތުން ވޯޓަކާ ނުލައި 165 ކެނޑިޑޭޓުން ހޮވިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ. އެ އިންތިހާބު ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް މެއި ހަ ވަނަ ދުވަހު އެމްޑީޕީގެ ރައީސް މުހަައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިންތިހާބު ވަނީ ފަސްކޮށްފައެވެ.

އެމްޑީޕީން މިއަދު ވަނީ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ. އެ ލިސްޓުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަންވެސް ވަނީ ހިމަނައިފައެވެ.

ދާއިރާތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާ އިރު، އެ އިންތިހާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. ދާއިރާތަކަށް ހޮވޭ ކެންޑިޑޭޓުން ހިމެނޭނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. އެ މަޖިލީހުގައި 142 މެމްބަރުން ހިމެނެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާ އިރު، 300 ވޯޓު ފޮށި ބަހައްޓާނެއެވެ.