ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބުނު މީހެއްގެ ފުލެޓު އަތުލި މައްސަލައިގެ ޝަރީއަތް ނިމެންދެން އެހެން މީހަކަށް އެ ފުލެޓު ނުދިނުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ ސަޕޯޓް ސާވިސްގެ ކެޓަގަރީއަށް ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް ބުޗާގެ، ފާތިމަތު އަބްދުﷲ އަށް ފުލެޓު ލިބުނުކަމަށް ސަރުކާރުން ގެޒެޓުކޮށްފައިވާ ދާއިމީ ލިސްޓުގައި ހިމެނިފައިވަނިކޮށް، ފުލެޓަށް ކުރިމަތިލުމަށް ހުޅުވައިލި އިރު ނެތް ޝަރުތަކަށް ބިނާކޮށް، އޭނާއަށް ފުލެޓު ނުދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެ މައްސަލަ އޭނާ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ފާތިމަތު އަބްދުﷲ އެދުނީ އެ ނިންމުން ބާތިލުކޮށް، ފުލެޓު ގުރުއަތުލުމުގައި އޭނާ ހިމެނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރުމަށާއި އޭނާއަކީ މި މަޝްރޫއުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތެއްކަމަށް ކަނޑައަޅައިދިނުމަށާއި އެ ފުލެޓު އޭނާއާ ހަވާލުކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި އަދި އެހެން މީހަކަށް ފުލެޓު ހަވާލުކުރި ތާރީހާ ހަމައަށް ހިނގާ ދުވަސްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އޭނާއަށް އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މީގެ އިތުރުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ފުލެޓު އެހެން ފަރާތަކަށް ހަވާލުނުކުރުމަށާއި އެ ފުލެޓު ގުރުއަތުގައި ބައިވެރިނުކުރުމަށާއި އަދި އެ ފުލެޓާ ގުޅިގެން ހައްގު ބަދަލުވާނެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާއެކު ނުކުރުމަށް ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދުނެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލައިގައި ފާތިމަތު އަބްދުﷲ އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލަ އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި ދައުލަތުން ހައިކޯޓުގައި ބުނީ ވަގުތީ އަމުރެއް ނެރެނުދީފިނަމަ، އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ގެއްލުމެއް ފާތިމަތު އަބްދުالله އަށް ލިބޭނެކަމަށް ބަޔާންކުރި ނަމަވެސް އެ ގެއްލުމަކީ ކޮބައިކަން ބުނެދެވިފައި ނުވާ ކަމަށާއި އެ މައްސަލައިގައި އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމަށްޓަކައި ވަގުތީ އަމުރު ނެރެދެވެންޖެހޭ ތަނެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ހައިކޯޓުގެ އަމުރުގައި ވަނީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދޭން ނުޖެހުނު ސަބަބަކީ ކޮބައިކަން ބުނެދީފައިނުވާ ކަމަށާއި ހަމަ އެގޮތަށް ޝަރީއަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދަށް ރިއާޔަތް ކުރި ގޮތްވެސް ވަގުތީ އަމުރެއް ނެރެނުދޭން ނިންމި ސަބަބުތަކުގައި ސިވިލް ކޯޓުން ބުނެދީފައިނުވާ ކަމަށެވެ.

އަމުރުގައި ވަނީ ފާތިމަތު އަބްދުﷲ ގެ ފަރާތުން ވަގުތީ އަމުރަށް އެދިފައިވަނީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ފުލެޓު ދިނުން ނުހުއްޓުވައިފިނަމަ ސިވިލް ކޯޓުން ފާތިމަތު އަބްދުﷲ އަށް ފުލެޓު ހައްގުވާ ކަމަށް ނިންމައިފި ނަމަ އޭނާއަށް ދޭނެ ފުލެޓެއް ނެތުމުން އޭނާގެ ހައްގަށް އުނިކަން އަންނާނެތީ ކަމަށެވެ.

އަމުރުގައި ވަނީ ވަގުތީ އަމުރެއް ނުނެރި، ސިވިލް ކޯޓުން އެ މައްސަލައިގައި ފާތިމަތު އަބްދުﷲއަށް ފުލެޓު ހައްގުވާކަމަށް ނިންމައިފިނަމަ ދޭނެ ފުލެޓެއް ނެތި އަނެއްކާވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ އިންތިޒާރުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. އަދި ދެން އޮންނަ ބޯހިޔާވަހިކަމުގެ މަޝްރޫއަކުންވެސް އެފަރާތަށް ފުލެޓެއް ލިބޭނެކަމުގެ ޔަގީންކަން ނޯންނާނެ ކަމަށްވެސް އަމުރުގައިވެއެވެ.

އަދި ހިޔާ މަޝްރޫއުން ފުލެޓެއް ލިބެން ޖެހޭނެ ކަމަށް ކޯޓުން ނިންމި ނަމަވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެފަދަ ބޯހިޔާވަހިކަމެއް ފާތިމަތު އަބްދުﷲ އަށް ދޭނެ ކަމުގެ ކަށަވަރުކަން ދައުލަތުން ދީފައި ނުވާ ކަމަށްވެސް އަމުރުގައިވެއެވެ.

ފާތިމަތު އަބްދުﷲ އަށް ފުލެޓެއް ލިބޭނެ އަވަސް ގޮތެއް ހަމަނުޖެހި ދިއުމަކީ އޭނާއަށް ލިބިގެންވާ ތަދާރުކު ނުކުރެވޭ ފަދަ އަދި އަނބުރާ އިއާދަކުރަން ދަތި ގެއްލުމެއް ކަމަށްވެސް އަމުރުގައިވެއެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން، ފާތިމަތު އަބްދުﷲ އަށް ހިޔާ މަޝްރޫއުން ފުލެޓު ލިބުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ހައުސިން މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިއްތިފާގުންނެވެ.