އަންނަ 2022 ވަނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް އައިސްފައިވާ ބަދަލުތަކާއި، ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

ބަޖެޓާ ބެހޭ ތަފްސީލީ މައުލުމާތު ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ކޮމިޓީއަށް ހުށަހެޅުއްއި އިރު، ޖުމުލަ އާމްދަނީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ އަންދާޒާކޮށްފައި ވާއިރު، ހިލޭ އެހީގެ ގޮތުގައި 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އާމްދަނީ ލިބޭނެ ކަމަށް ފާހަގަކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ޓެކްސްގެ އާމްދަނީއަށް 14 ބިލިޔަން ރުފިޔާ، ޓެކްސް ނޫން ގޮތުން ފަސް ބިލިއަން ރުފިޔާ އަދި އަލަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވަނީ ހިމަނައިފައެވެ.

އާމްދަނީ ހޯދުމަށް އަލަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، އަންނަ ޖެނުއަރީން ފެށިގެން އެއާޕޯޓް ސާވިސްޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ބަދަލު ގެނައުން ހިމެނެއެވެ.

އޭގެ އިތުރުން ރިއަލްއެސްޓޭޓް ޓޫރިޒަމަށާއި ރިސޯޓު ތަރައްގީކުރުމަށް އިތުރު ރަށްތައް ދޫކުރުމާއި، އެކްސްޕެޓްރިއޭޓް ކޯޓާފީ އަންނަ ޖެނުއަރީ މަހުން ފެށިގެން ނަގަން ފެށުން ހިމެނެއެވެ.

މީގެ އިތުރުން ރެޒިޑެންޓް ފީ ނަގާ ރޭޓު އިތުރު ކުރުމާއި، ރެޒިޑެންޓް ޕާމިޓް ފީ ނަގާ ރޭޓް އިތުރު ކުރުމާއި، ބިން ވިއްކުމާއި، ކޮންޖެޝަން ޗާޖާއި ޕާކިން ފީ ނެގުމަށްވެސް ވަނީ ހިމަނައިފައެވެ. އެކަަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު މިހާރު ވަނީ ގެނެސްފައެވެ.

ދައުލަތުގެ ހަރަދުތައް ހުންނާނީ 33.8 ބިލިއަން ރުފިޔާގައި ކަމަށާއި މުޅި ބަޖެޓު 10.2 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަަށްވެސް ވަނީ އަންދާޒާކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މަޖިލީހުން ބަޖެޓް ފާސްކުރާ އިރު، 40 ބިލިއަނަށްވުރެ ބޮޑު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއަށްވުރެ ބަޖެޓް ބޮޑުވެއްޖެނަމަ ފައިނޭންސް ހޯދުމަށް ދަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.