ހުޅުމާލެ ޖަލުގައި ރޭ މަރުވި ގައިދީގެ މަރާ ބެހޭގޮތުން އާއިލާއިިން ކުރާ ތުހުމަތު ތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރޭ ބުނީ ޖަލުގައި މަރުވެފައިވަނީ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40) ކަމަށެވެ. އަދި އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މިކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ތިންއަހަރުގެ ޖަލު ހުމުލެއް ތަންފީޒުކުރަމުންދިޔަ އަސްލަމް ކުއްލިގޮތަކަށް މަރުވި މައްސަލަ އާއިލާ އަށް ނާންގާއި ސިއްރު ކުރަން އުޅުނު ކަމަށް އާއިލާއިން ތުހުމަތު ކުރާ ކަމަށެވެ.

ޖަލުގައި ހުއްޓާ ބަލިވެގެން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ، ހަވީރު ފަހެއްޖަހާކަންހާއިރު ކަމަށާއި، އޭނާ މަރުވިކަން އެރޭ ހަތެއްޖަހާކަންހާއިރު އާއިލާއަށް އެންގީ އެހެން ފަރާތަކުން ކަމަށް ބުނާ ކަމަށާއި، އެ މައުލޫމާތު ލިބިގެން އާއިލާއިން ހޮސްޕިޓަލަށް ދިޔައިރު، އަސްލަމަށް ފަރުވާދެމުންދާ ކަމަށް އެތަނުގައިތިބި ކަރެކްޝަންގެ ބޭފުޅުން ވިދާޅުވި ކަމަށް އާއިލާއިން ބުނާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަަށް އާއިލާގެ މީހުން ގަދަކަމުން ވަތްއިރު އޭނާ މަރުވެ އެތައް އިރެއް ވެފައިވާ ކަމަށް އާއިލާއިން ބުނާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީއްސުރެން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މަރުވި މީހާގެ އާއިލާ އަށް އެކަން އެންގުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައި ވުން ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ މިނިވަން ތަހުގީގެއް ހިނގަވައިދެއްވައި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅުއެޅުމަށް ގޮވާލާ ކަމަަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 28 މެންބަރުންގެ ތެރެއިން 24 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވުމުން ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ރޭ މަރުވި އަސްލަމްގެ މަންމައަކީ ރައްޔިތުންގެ މަޖިލީހުގައި ވަޒީފާ އަދާކުރަމުން އަންނަ މީހެއް ކަމަށެވެ.