ބަރަހަނާ ވީޑިއޯ ހަދައި ޓިކްޓޮކުގައި އާންމުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މުހައްމަދު ނަބީލް (ޔާޔާ)، 36އ، އެކަމަށް އިންކާރުކޮށްފިއެވެ.

ނަބީލަށް ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ބަރަހަނާކޮށް ޓިކްޓޮކް ވީޑިއޯ ހަދާފައިނުވާނެ ކަމަށް ބުނެ، އެ ވީޑިއޯއަކީ އޭނާ ބޭޒާރުކޮށްލުމަށް ބަޔަކު އޭނާގެ މޫނު ބޭނުންކޮށްގެން ހަދައިގެން އުޅޭ ވީޑިއޯއެއް ކަމަށް ބުނެފައެވެ.

ދިފާއުގައި ނަބީލް ބުނީ، ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭ ކަމަށާއި ލެވެނީ 60 ސިކުންތުގެ ވީޑިއޯ ކަމަށެވެ.

ބަރަހަނާ ވީޑިއޯ އާންމުކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކުރި ނަމަވެސް ނަބީލް ވަނީ އޭނާ އަންހެން ހެދުން އަޅައިގެން އުޅޭ ކަމަށް އެއްބަސްވެފައެވެ.

ޝަރީއަތުގައި ފުލުހުން ބުނީ، ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށެވެ.

ޓިކްޓޮކުގައި ދިވެއްސަކު ބަރަހަނާވި މައްސަލަ ފެންމަތިވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ޓިކްޓޮކުގެ ގަވާއިދު ބުނާ ގޮތުން އޭގައި ބަރަހަނާ ވީޑިއޯ އާންމެއް ނުކުރެވޭނެއެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހީންގެ ގިނަ ބަޔަކު ޓިކްޓޮކުގައި ނިވާކަން ކުޑަ ހެދުން ލައިގެން ނަގާފައި ހުންނަ ވީޑިއޯ އާންމުކުރެއެވެ.