ޚަބަރު

އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓު ނިޒާމަށް ޑިޖިޓަލް ޕޭމެންޓުގެ ހިދުމަތް ތައާރަފުކުރަނީ

އައިޝަތު ނިއުޝާ

އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް، މާސްޓާކާޑާއި އެމްޓީސީސީ އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮޖެކްޓަކީ ދުނިޔޭގެ ތަރައްގީ ވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓާކާޑުން ހިންގާ 'ސްމާޓް ސިޓީސް' ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

އޭގެ އިތުރުންވެސް، ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފު ކޮށް، ދަތުރުވެރީންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދީ ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު މި ޕްރޮޖެކްޓްގެ ސަބަބުން ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮޖެކްޓާ ގުޅިގެން ވާހަކަދައްކަވަމުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ "ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓާކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށާއި، ފާއިތުވެދިޔަ އަހަރު ކަންކަން ވެގެން ދިޔަ ގޮތުން ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އިހުނަށް ވުރެ މުހިންމު ވެފައިވާ ކަން ކަމަށެވެ.

އޭގެ އިތުރުން، އެމްޓީސީސީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްކާތެރި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި އަލަށް ތައާރަފު މި ކުރެވޭ ހިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.