އިސްލާމީ ތާރީޚު

ޞިއްޙީ ފަރުވާދޭ ވިލިތައް އުފައްދައި ބަލިމީހުންނަށް ހޭހަންކުރާން ފެށީ މުސްލިމުންނެވެ.

އަބްދުﷲ ފާރޫގް ހަސަން

1

މިޒަމާނުގެ ޢިލްމުތަކާއި ފަންނުތަކުގެ ތާރީޚު ލިޔުމުގައި އޮންނަނީ ހުޅަނގުގެ ނުފޫޒެވެ. އެހެންކަމުން ޢާއްމުގޮތެއްގައި ކޮންމެ ޢިލްމެއްގެވެސް ނުވަތަ ފަންނެއްގެވެސް ފެށުން އެބައިމީހުން ގެންދަނީ ދުއިސައްތަ ނުވަތަ ދުއިސައްތަ ފަންސާސް އަހަރު ކުރިޔަށެވެ. ނުވަތަ ސަތޭކަ ވަރަކަށް އަހަރު ކުރިޔަށެވެ. ކޮންމެ ކަމެއްވެސް ފެށި މީހަކަށް ނުވަތަ އެކަމެއްގެ ބާނީ (Pioneer) އަކަށް ހަދަނީ ވިލާތުގެ ކޮންމެވެސް ފިރިހެނެކެވެ. ނުވަތަ އަންހެނެކެވެ. މިގޮތުން ނަރުސްކަން ނުވަތަ ބަލިމީހުންނަށް ހޭހަންކުރުމުގެ ފެށުމުގެ ޝަރަފު ދެނީ ނައިޓިންގޭލް (Florence Nightingale 1820-1920) އެވެ ކިޔުނު އިނގިރޭސި ބޭކަނބަލަކަށެވެ. އެކަމަނާއަކީ އިނގިރޭސީންގެ އަޝްރާފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާ ނަރުސްކަމުގެ ޚިދުމަތް ޚިޔާރުކުރައްވައި އެފަންނަކީ ޙުރުމަތްތެރި އަދި ޝަރަފުވެރި ކަމަކަށް ހެއްދެވިކަމަށް ހުޅަނގުން ދަޢުވާކުރެއެވެ. ނަމަވެސް މިއީވެސް ހުޅަނގުން ކުރާ މިބާވަތުގެ ދޮގު އެހެނިހެން ދަޢުވާތައްވެސް ފަދައިން ފުލެއް ބިތެއް މައްޗެއް ނެތް ދަޢުވާއެކެވެ. ޙަޤީޤަތުގައި މިފަންނުގެ ފެށުމުގެ ޝަރަފު އަރުވަންޖެހެނީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ދަރަޖަ މަތިވެރި ޞަޙާބިއްޔާއިންނަށެވެ. އެބޭކަނބަލުން އެކަން ކުރެއްވީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ އިރުޝާދާއި ރޭއްވެވުމުގެ މަތީންނެވެ. އެބޭކަލުން އެ ޚިދުމަތް ކުރެއްވީ ފުރިހަމަ ހުނަރުވެރިކަމާއި އެހައިމެ ކުލުނުވެރިކަމާ އެކުގައެވެ.

ޝައްކެއްނެތެވެ. ނަބަވީ ދައުރުގައި ޢަރަބިކަރައިގައި ބޭސްވެރިކަން އޮތީ މިޒަމާނުގެ ފަންނީ މިންގަނޑުތަކަށް ބަރާބަރަށް ފެތިފައެއް ނޫނެވެ. އެދުވަސްވަރު ޢަރަބީންނާއި ދުނިޔޭގެ އެހެނިހެން ގިނަ ޤައުމުތަކާ މާބޮޑަކަށް ދެނެފަރިތައެއް ނޫނެވެ. އެހެންކަމުން ބޭރު ޤައުމުތަކުގައި ދިރެމުންދިޔަ ބައެއް ފަންނުތަކަށާއި ޢިލްމުތަކަށް ޢަރަބީން ތަންކޮޅެއް ބީރައްޓެއްސެވެ.

އެދުވަސްވަރު ޔޫރަޕު އޮތީ ޖަހާލަތުގެ ކަނުއަނދިރީގެ ތެރޭގައެވެ. ޣާފިލުކަމުގައި ނިދައިފައެވެ. ޢިލްމާއި މަދަނިއްޔަތު އޮތީ އިރުމަތީގައެވެ. އެޒަމާނުގައި ބޭސްވެރިކަމުގެ ފަންނުގައި އެންމެ ބޮޑަށް މަޝްހޫރުވެފައިއޮތީ ދެ މަރުކަޒެކެވެ. އެއް މަރުކަޒަކީ އީރާނުގެ ރަށެއްކަމުގައިވާ ޖަންދީޝާޕޫރުގައި ހުރި މަރުކަޒެކެވެ. ދެވަނަ މަރުކަޒަކީ މިސުރުގެ އިސްކަންދަރިއްޔާގައިހުރި މަރުކަޒެކެވެ. އެދެތާނގައިވެސް ޤާބިލު އުސްތާޛުންގެ ޓީމުތަކެއް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ވަރަށްގިނަ ދަރިވަރުން އެބޭކަލުންގެ ބެއްލެވުމުގެ ދަށުން ބަލިމީހުންނަށް ފަރުވާދެމުން ގެންދިޔައެވެ. އެޒަމާނުގެ ނިސްބަތުން އާ ހޯދުންތައްވެސް ހޯދަމުން ގެންދިޔައެވެ. އެ ދެތާނގެ ދަރިވަރުންގެ ތެރޭގައި ޢަރަބީންގެ ދަރިވަރުންވެސް ހިމެނުނެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޒަމާނުގައި މިގޮތުން ފާހަގަކުރެވޭ ޢަރަބި ބޭސްވެރިންކުރެ އެކަކީ حــارث بــن كِـلـدة އެވެ. އޭނާ ދަސްވެނިވެލެއްވީ ޖަންދީޝާޕޫރުގެ "މެޑިކަލް ކޮލެޖުން" ނެވެ. އޭނާ ދިރިއުޅުއްވީ ޠާއިފުގައެވެ. އޭނާއަކީ މިޒަމާނުގެ އިސްތިލާޙުގައި ބުނެވޭފަދަ "ޤަދަރުހުރި މެޑިކަލް ކޮލެޖެއްގެ ގްރެޖުއޭޓެކެވެ." ދުރުދުރަށް ނަން ހިނގައިފައިވާ ޑޮކްޓަރެކެވެ. (ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ)

سُـنَـنُ أبــِى داؤد ގެ ރިވާޔަތެއްގައިވާގޮތުން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ދަރަޖަ މަތިވެރި ޞަޙާބީންގެ ތެރެއިން سـعـد بــن أبــِى وقّــاص رضى اللّـه عنــه އަށް އެއްފަހަރަކު ވަރަށްބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم سـعـد ގެފާނުގެ ހާލުކޮޅު ބައްލަވަން ވަޑައިގެންފައި އެކަލޭގެފާނަށް ލަފާދެއްވިއެވެ. "ކަލޭގެފާނު حــارث بــن كِـلـدة ގެ ގާތަށް ވަޑައިގަންނަވާށެވެ. އޭނާއަކީ ރަނގަޅަށް ފަރުވާކުރާ ބޭސްވެރިއެކެވެ." (އަބޫ ދާއޫދު ކިތާބުއްޠިއްބި، 2875)

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ޒަމާނުގައި ޢަރަބިކަރައިގައި ޤަބީލީ ބޭސްވެރިކަމުގެ މަޢުލޫމާތުތައް ހިއްސާކުރެވުމުން އުނގެނެމުން ގެންދިޔައެވެ. ތަޖުރިބާ ބަދަލުކުރެވެމުން ދިޔައެވެ. ޢަރަބި ޤަބީލާތަކުގެ ގުޅުމުގެ ތެރެއިންނެވެ. ބަލިމީހުންނަށް ފަރުވާދޭނެގޮތާއި ބޭސްތައްވެސް ދަސްވެ އެއްޤަބީލާއެއްގެ މަޢުލޫމާތާއި ތަޖުރިބާ އަނެއް ޤަބީލާއަކާ ހިއްސާ ކުރެވެމުން ދިޔައެވެ. ކޮންމެއަކަސް އެޒަމާނާ ގުޅޭ އަދި އެޒަމާނުގެ ފެންވަރާ ކުފޫހަމަވާގޮތަށް ޢަރަބީންގެ ތެރޭގައިވެސް ބޭސްވެރިކަން އޮތެވެ. އެޒަމާނުގެ ބޭސްވެރިކަމުގައި ޞަޙާބިއްޔާއިންގެ ހިއްސާ ޞަޙާބީންނަށްވުރެ ބޮޑުކަމުގައިވެސް ދަންނަވާން ޖެހެއެވެ. ޢާއްމު ބޭސްވެރިކަމާއި، ކަނޑިފާރު ބޭހުގެ ފަންނުގެ ތެރެއަށް ވެދެވަޑައިގެން ތިއްބަވައި، ކުޅަދާނަފުޅު ކަމާއެކު ބަލިމީހުންނަށް ފަރުވާކުރައްވައި ހޭހަން ކުރެއްވުމުގެ ގޮތުން ފާހަގަކޮށްލެވޭ ޞަޙާބިއްޔާއިންގެ ތެރޭގައި ތިރީގައި މިދަންނަވާ ދަރަޖަ މަތިވެރި ބޭބޭކަނބަލުން ހިމެނިވަޑައިގެންނެވިއެވެ.

1. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا
2. أمّ المـؤمـنــيـن السّـيّدة أمّ سَلَمَةُ رضى اللّـه عنـهــا
3. السّـيّدة نُسَيـبـة بـنـت كـعب مـازنـيّــة رضى اللّـه عنـهــا
4. السّـيّدة أمّ أيـمـن رضى اللّـه عنـهــا
5. السّـيّدة كـُـعَيـبـة بـنـت سـعـد رضى اللّـه عنـهــا
6. السّـيّدة شـفّــاء بـنـت عـبـداللّـه رضى اللّـه عنـهــا
7. السّـيّدة أمّ زيــاد أشجـعـيّـة رضى اللّـه عنـهــا
8. السّـيّدة أمّ مطـاع رضى اللّـه عنـهــا
9. السّـيّدة أمّ عـطـيّــة أنـصـاريّــة رضى اللّـه عنـهــا
10. السّـيّدة رُبَــيّـــع بـنـت مُـعــوّذ رضى اللّـه عنـهــا
11. السّـيّدة حـمنـة بـنـت جحش رضى اللّـه عنـهــا
12. السّـيّدة معــاذة الـغِـفــاريّـــة رضى اللّـه عنـهــا
13. السّـيّدة أمّ سُلَـيــم رضى اللّـه عنـهــا
14. السّـيّدة أمّ كَبشة الـقُـضـاعـِيّــة رضى اللّـه عنـهــا
15. السّـيّدة أمّ سِنــان أسلميّــة رضى اللّـه عنـهــا
16. السّـيّدة أُمَـيمـة (ނުވަތަ أُمَـيّــة، ނުވަތަ أمـيـنــة) بـنـت قـيـس الـغِــفــاريّـــة رضى اللّـه عنـهــا
17. السّـيّدة رُفَـيــدة أسلميّــة رضى اللّـه عنـهــا
18. السّـيّدة ليـلـى الـغِـفــاريّــة رضى اللّـه عنـهــا

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ދަރަޖަމަތިވެރި ޞަޙާބިއްޔާއިންގެ ބޭސްފަރުވާގެ ޚިދުމަތަށް ތިން ދިމާޔަކުން އަޅުގަނޑުމެންނަށް އަލިއަޅުވައިލެވިދާނެއެވެ.

1. ހަނގުރާމައިގެ މައިދާނުގައި ޒަޚަމީންނަށް އަވަސްފަރުވާ (first aid) ދެއްވުން

ޖާހިލިއްޔަ ޒަމާނުގައިވެސް، އިސްލާމީ ދައުރުގެ ކުރީކޮޅުގައިވެސް ޢާއްމުކޮށް ހަނގުރާމަ ކުރެވުނީ ކަނޑިއާއި ލޮންސިއާއި ތީރުންނެވެ. ޖާހިލިއްޔަ ޒަމާނުގެ ޢަސްކަރީ ކުރިމަތިލުންތަކުގައި އަންހެނުންގެ ބޭނުންކުރެވުނީ ސިފައިންގެ ހިތްވަރާއި ސާބިތުކަން ދެމެހެއްޓުމަށެވެ. ސިފައިންގެ ފިރިހެންވަންތަކަމުގެ ޖަޒުބާތު ދިރުވަން ބާރުއެޅުވުމަށްޓަކައެވެ. އަންހެންކުދީންގެ ނެށުމާއި، ލަވަކިޔުމާއި، ސިފައިންނަށް ހިތްވަރު ދިނުމުގެ ތެރެއިންނެވެ.

ނަމަވެސް އިސްލާމީ ދައުރުގައި އިސްލާމީ ލަޝްކަރުތަކުގައި އެފަދަ ޙުރުމަތެއްނެތް ގޮތްގޮތަކަށް އަންހެނުންގެ ބޭނުމެއް ނުކުރެއެވެ. މުސްލިމުންގެ ޢަސްކަރީ މަޢުރިކާ ތަކުގައި ޞަޙާބިއްޔާއިންގެ ދައުރަކީ މުޖާހިދުންނަށް ފެން ދެއްވުމެވެ. މައިދާނަށް ވެރިފައި ހުންނަ ހަތިޔާރު އެއްކުރައްވައި މުޖާހިދުންނަށް ރައްދުކުރެއްވުމެވެ. މުޖާހިދުންނަށް ކައްކައިދެއްވުމާއި، ފަރީއްކޮޅު އެރުއްވުމެވެ. ބައެއް ޙާލަތްތަކުގައި ކޭމްޕް ބެލެހެއްޓެވުމެވެ. ޚާއްޞަކޮށް ނަރުހުންގެ ގޮތުގައްޔާއި ކަނޑިފާރު ބޭސްވެރީންގެ ހައިސިއްޔަތުން މުޖާހިދުންނަށް ޚިދުމަތް ކުރެއްވުމެވެ. އެބޭކަނބަލުން ޝަހީދުންގެ ހަށިކޮޅުތައް މައިދާނުން ނަންގަވައިގެން ޚާއްޞަ ދިމަދިމާޔަށް އުފުއްލަވައެވެ. ޒަޚަމީން ރައްކާތެރި ތަންތަނަށް ގެންގޮސްދެއްވައެވެ. ބޭސް އަޅުއްވައިދެއްވައެވެ. ބަލިމީހުންނަށް ފަރުވާ ދެއްވައި ހޭހަންކުރައްވައެވެ. މިދެންނެވި ހައިސިއްޔަތުން އަވަސްފަރުވާ (first aid) ދެއްވައި އިންތިހާދަރަޖައިގެ ކުޅަދާނަފުޅުކަމާއެކު ނުހަނު މޮޅަށް ކަނޑިފާރުބޭސް ކުރެއްވި އެތައް ޞަޙާބިއްޔާއިންނެއްގެ ނަންފުޅު އިސްލާމީ ތާރީޚުގެ ފޮތްތަކުގައިވަނީ ރެކޯޑު ކުރެވިފައެވެ.

السّـيّدة رُبَــيّـــع بـنـت مُـعــوّذ رضى اللّـه عنـهــا ވިދާޅުވެފައިވެއެވެ.

"އަހަރެމެން رسـول اللّـه صلّــى اللّـه عليـه وسلّـم ގެ އަރިހުގައި ހަނގުރާމަތަކަށްގޮސް އުޅުނީމުއެވެ. ސިފައިންނަށް ފެންދީ އުޅުނީމުއެވެ. ޝަހީދުންނާއި ޒަޚަމީން މަދީނާއަށް ގެނައުމުގެ މަސައްކަތްކޮށް އުޅުނީމުއެވެ. (ޞަޙީޙު ބުޚާރީ، ކިތާބުއްޠިއްބު: 5679، ކިތާބުލްޖިހާދު: 2883)

ދެވަނަ ރިވާޔަތުގައި ޞަރީޙަކޮށް ބަޔާންކުރެއްވިފައިވާ ގޮތުގައި އެބޭކަނބަލުން ބަލިމީހުންނަށް ފަރުވާދެއްވައި ހޭހަންކުރައްވައި އުޅުއްވިއެވެ. އާދެ، السّـيّدة رُبَــيّـــع އާ ބެހޭގޮތުން ރިވާވެފައިވެއެވެ.

(ނުނިމޭ)