ޚަބަރު

އޮފީހަށް ގެއްލުމެއް ނުދީ ވަދެ، ކ. އަތޮޅު ކައުންސިލްގެ ތިޖޫރީ ފަޅާލައި ހުރިހާ ފައިސާއެއް ވަގަށް ނަގައިފި

އައިޝަތު ނިއުޝާ

ކ. އަތޮޅު ކައުންސިލްގެ ތިޖޫރި ފަޅާލައި ހުރިހާ ފައިސާއެއް ވަގަށް ނަގައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ކ.ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، ތިޖޫރީ ފަޅާލާފައި ހުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް މެންދުރު ދޭއް ގެ ފަހުން އަނެއް ދުވަހުގެ ހެނދުނު އަށެއް ޖަހަންދެން ސެކިއުރިޓީ ބަލަހައްޓަން މީހަކު ހަމަޖައްސައި ޑިއުޓީގައި ބަހައްޓާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ތިޖޫރީން ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށާއި، އެހެން ނަމަވެސް ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ވަނީ ވަގަށް ނަގާފައި ކަމަށެވެ. އަދި މިއަދު ހެނދުނު 10:40 އިން ފެށިގެން ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަސްލަމް ވިދާޅުވީ ތިޖޫރީ ފަޅާލާފައި ހުރީ ކޮޑަދޮރަކުން ވަދެގެން ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ދޮރެއް ނުވަތަ ތަޅެއްވެސް ހަލާކުކޮށްފައި ނެތް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ކ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް މިއަދު ހެނދުނު 8:15 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.