ސީޒަން ފެށިގެން މިހާތަނަށް ލީގުގައި ޔުވެންޓަސް އިން ކުޅުނު ތިންވަނަ މެޗުންވެސް މޮޅެއް ނުހޯދި، އެޓީމުގެ މާޔޫސީ ފެށުން ދިގުލައިގެން ގޮސްފިއެވެ.
ޔުވެންޓަސްގެ ޕްރޮފައިލިކް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ގުޅިފައިވާއިރު، ރޭގެ މެޗަކީ ރޮނާލްޑޯ ދިޔަ ފަހުން ޔުވެންޓަސް އިން ކުޅުނު ފުރަތަމަ މެޗެވެ. 12.8 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ރޮނާލްޑޯ ޔުނައިޓެޑާ ގުޅިފައިވާއިރު، ރޭ ޕްރިމިއާ ލީގުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ނިއުކާސަލް ކޮޅަށް ވަނީ ދެ ގޯލު ޖަހައިފައެވެ.
ރޮނާލްޑޯ ނެތްތަން ފޫބައްދަން ރޭގެ މެޗަށް ނުކުތީ ޗެލްސީ އަށް ކުރިން ކުޅުނު ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާއެވެ. މެޗުގެ ކުރީކޮޅުގައި މޮރާޓާގެ ގޯލުން ޔުވެންޓަސް ލީޑު ނެގި ނަމަވެސް ދެވަނަ ހާފްގައި ނަޕޯލީ ވަނީ ދެ ގޯލް ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. ދެވަނަ ހާފްގައި ނަޕޯލީގެ ގޯލްތައް ޖަހައިދިނީ މަޓެއޯ ޕޮލިޓާނޯ އާއި ކަލިޑޫ ކޮލެބަލީއެވެ.
2020-21 ވަނަ އަހަރުގެ ސީޒަންވެސް ލީގުގެ ހަތަރުވަނައިގައި ނިންމާލި ޔުވެންޓަސް އިން މި ސީޒަނަށް ނުކުތީ ކޯޗު މަސިމިލިއާނޯ އަލެގްރީއާ އެކުގައެވެ. ކުރިން ޔުވެންޓަސް އަށް ކޯޗުކަން ކޮށްދީ، ކާމިޔާބީތަކެއްވެސް ހޯދި އަލެގްރީ އަށް މި ސީޒަނުގައި އަދި އެކަށީގެންވާ ތަފާތެއް ދެއްކިފައެއް ނުވެއެވެ.
ރޭގެ މެޗުން މޮޅުވި ނަޕޯލީ އޮތީ ސެރެއާ އޭގެ ތާވަލުގައި އެއްވަނައިގައެވެ. އެހެންނަމަވެސް މިރޭގެ މެޗުތަކުން ލާޒިއޯ، ރޯމާ ނުވަތަ އިންޓަ މިލާން، އޭސީ މިލާން މޮޅުވި ނަމަވެސް ނަޕޯލީއަށް އެއްވަނަ ގެއްލޭނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު