ދަރުބާރުގޭގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަންގައި ހުރި ބާ ޓްރާންސްފޯމަރު ބަދަލުކޮށްފިއެވެ.

ދަރުބާރުގޭ ސަބްސްޓޭޝަންގައި ހުރި ޓްރާންސްފޯމަރުގެ މައްސަލަތަކެއް ކުރިމަތިވެ، މިދިޔަ ބުރާސްފަތި ދުވަހު އެ ސަރަހައްދުން ވަނީ ކަރަންޓް ކެނޑިފައެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ސްޓެލްކޯއިން ވަނީ އެކަމަށް ވަގުތީ ހައްލެއް ގެނެސްފައެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ދަރުބާރުގޭ ސަބްސްޓޭޝަންގައި ހުރި ބާ ޓްރާންސްފޯމަރު މިއަދު ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.

"ދަރުބާރުގޭ ސަބްސްޓޭޝަންގައި ހުރި ބާ ޓްރާންސްފޯމަރު ބަދަލުކޮށް މިއަދު މިވަނީ އެކަމަށް ދާއިމީ ހައްލެއް ގެނެސްދެވިފައި" ސްޓެލްކޯއިން ބުންޏެވެ.

ރައްޔިތުންނަށް ދޭ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ މާލެ އާއި ހުޅުމާލެ، ކަރަންޓުގެ އެއް ވިއުގައަަކުން ގުޅާލައިފައެވެ.

މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމުލަ ހަތަރު ޓްރާންސްފޯމަރާއި ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލުކަން ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.