ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ޖުމްހޫރީ ޕާޓީ ދޫކުރެއްވީ އެ ޕާޓީ ތެރޭގައި ސިއްރުން ކުރައްވަން އުޅުއްވި ކަންތައްތައް ނުކުރެވުމުން ކަމަށް ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ހުންނެވި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ވަކިވުމަށްފަހު ނާޒިމާއި ރިޔާޒް އިސްވެ ހުންނަވާ ބައެއް އެހެން މަޖިލިސް މެންބަރުންނާ ގުޅިގެން ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ.
އޮންލައިން ނޫހަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި ނާޒިމް ވަނީ މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި "ނިދާފައި" ކަމަށް ވިދާޅުވެ، އެ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއްކަމަށް ވިދާޅުވެފައިއެވެ.
ނާޒިމްގެ އެ ވާހަކަތަކަށް ރައްދުދެއްވައި، އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައި އޮތީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށެވެ. އެކަން ޕާޓީގެ މެންބަރުންނާއި ހިއްސާކޮށްފައިވާނެކަމަށްވެސް ވިދާޅުވިއެވެ.
"ސިއްރުން ކުރައްވަން އުޅުއްވި ކަންތަކަށް ޖޭޕީ ތެރެއިން ނުކުރެވުނީ ނޫންތޯ. ރޭވި ރޭވުންތައް ފަޅާ އެރީ ނޫންތޯ،" ނާޒިމާއި ރިޔާޒަށް ރައްދުދެއްވައި އިލްހާމް ކުރައްވާފައިވާ ޓްވީޓްގައިވެއެވެ.
ނަމަވެސް އެ ދެ ބޭފުޅުން ސިއްރުން ކުރައްވަން އުޅުއްވީ ކޮން ކަންތައްތަކެއް ކަމެއް އިލްހާމް ހާމައެއް ނުކުރައްވައެވެ.
އެމްއެމްޕީ އުފެއްދުމުގެ މަސައްކަތްތައް ނާޒިމާއި ރިޔާޒު ފެއްޓެވީ ޖޭޕީގައި ތިއްބަވައިގެން ކަމަށް ޖޭޕީން ތުހުމަތުކުރެއެވެ. ނަމަވެސް ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.