ލައިފް ސްޓައިލް

އިންޑޮނޭޝިއާގެ މި މީހާ އުޅެނީ ނާށި މާސްކު އަޅައިގެން، ފުލުހުން އެންގީ މަގުމަތީގައި ޕުޝްއަޕް ހަދަން

މާސްކު އެޅުމަކީ އާއްމު ދިރިއުޅުމުގެ އެއްބަޔަށް މިވަނީ ވެފައެވެ. ނަމަވެސް އިންޑޮނޭޝިއާގެ ބާލީގައި މަސައްކަތްކުރަމުން އަންނަ ޕާކިން އެޓެންޑަންޓަކަށް މިވަނީ އޭނާ އަޅައިގެން ހުންނަ އާދަޔާ ހިލާފު ނާށި މާސްކުގެ ސަބަބުން ހާއްސަ ސަމާލުކަމެއް ލިބި އަދަބެއްވެސް ލިބިފައެވެ.

އުމުރުން 44 އަހަރުގެ ނެންގާ ބުޑިއާސާ ވަނީ އޭނާގެ ޑިއުޓީ ގަޑީގައި މަގުމަތި ބަލަހައްޓަން ހަރަކާތްތެރިވާއިރު، ކަށިގަނޑު ފުމެވޭ ގޮތަށް ފަރުމާކޮށްފައިވާ ނާށި މާސްކެއް އަޅައިފައެވެ. އޭނާގެ މި އާދަޔާ ހިލާފު މާސްކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެން ފަށާފައިވާއިރު ފުލުހުންގެ ސަމާލުކަމަށް ވެސް ވަނީ މިކަން އައިސްފަ އެވެ. އެގޮތުން ފުލުހުން ވަނީ ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭ މިންގަނޑުތަކާ ހިލާފަށް މާސްކު އަޅާ ކަމަށް ބުނެ އޭނާއަށް އަދަބެއް ދޭން ނިންމައިފަ އެވެ.

މިމައްސަލައިގައި ބުޑިއާސާ ޖޫރިމަނާކޮށްފައި ނުވި ނަމަވެސް، އޭނާއަށް ވަނީ ކަނޑައެޅުނު ވަކި އަދަދަކަށް ހުރިތަނުގައި ހުރެ ޕުޝްއަޕް ހެދުމަށް އަންގައިފަ އެވެ. އަދި އޭނާއަށް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ މާސްކު ފޯރުކޮށްދީ، ބޭނުންކުރާނެ ގޮތްތައް ވެސް ވަނީ ކިޔައިދީފައެވެ.

މީގެކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުޑިއާސާ ބުނެފައިވަނީ އޭނާ ނާށި މާސްކު އަޅައިގެން ހުރެ ކަށިގަނޑު ފުމެވޭ ގޮތަށް ފަރުމާކޮށްފައިވަނީ ކޮންމެ ފަހަރަކު މާސްކު ނުބާލައި ކަށިގަނޑު ފުމެން ފަސޭހައަކަށް ކަމަށެވެ. ޓްރެފިކް ބަލައްހައްޓާއިރު އާދައިގެ މާސްކެއްގައި ނަމަ ގިނައިން އަތްލެވި ކިލާވެ ހަޑިވާ ކަމަށާއި އޭގެ ބަދަލުގައި ނާށި މާސްކު ބޭނުން ކުރުމުން އެމައްސަލައަށް ވެސް ހައްލެއް ލިބިގެންދާ ކަމުގައި އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރުންވެސް އޭނާ ބުނާ ގޮތުގައި ނާށި މާސްކު އަޅައިގެން އުޅެން މާ ފަސޭހަައެވެ. އަދި އެ މާސްކު އޭނާ ބޭނުން ކުރަނީ ޑިއުޓީ ގަޑީގައި އެކަނި ކަމަށާއި ކޮންމެ ދުވަހެއްގެ ޑިއުޓީ ނިންމާލުމަށްފަހު މާސްކު ދޮންނަ ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.