މުނިފޫހިފިލުވުން

ބޮޑުބޭބެ، ގޯވިންދާ އާ ޖެހިފައިވާ މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް ކްރުޝްނާ ބުނެފި

ބޮޑުބޭބެ ގޯވިންދާއާ ޖެހިފައިވާ މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް ކްރުޝްނާ އަބީޝެކް ބުނެފި އެވެ.

ކަޕިލް ޝަރްމާ ޝޯގެ މެހެމާނެއްގެ ގޮތުގައި ގޯވިންދާ ފެނިގެންދާ އެޕިސޯޑުގައި ކްރުޝްނާ އަބިޝެކް ބައިވެރި ނުވާން ނިންމުން ވީ އާއިލީ މައްސަލަ އަށް ނިމުމެއް އައިސްފައި ނުވާ ކަން ގިނަ ބަޔަކަށް އެނގިގެން ދިޔަ ކަމަކަށެވެ.

ކުރުޝްނާގެ އެ ނިންމުމާ ގުޅިގެން ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ވަނީ ކްރުޝްނާ އަށް އިތުރަށް ނުރުހުން ފާޅުކޮށް ވާހަކަދައްކައިފަ އެވެ. ސުނީތާ ބުނެފައިވަނީ ދުނިޔޭގައި ހުރިހާ ދުވަހަކު އެ މައްސަލައަށް ހައްލެއް ގެންނަން ބޭނުން ނުވާ ކަމަށާއި އަދި ކްރުޝްނާގެ މޫނު ދެކެން ވެސް ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް އޭގެފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ކްރުޝްނާ މި ވަނީ ޖެހިފައިވާ މައްސަލައަށް ނިމުން ގެނެސް ގުޅުންތައް ބަދަހިކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބޮޑުބޭބެ އަދި ފަހަރިއާ މުހާތަބުކޮށް ކްރުޝްނާ ބުނީ މައްސަލައަށް ހައްލެއް ގެނެވި ގުޅުންތައް ރަނގަޅު ވުމަށް އެދި އޭނާ ދުއާ ކުރާކަމަށެވެ. އަދި މައްސަލަ ކިތަންމެ ބޮޑުވެފައިވީ ނަމަވެސް ލޯބި އެ ގޮތުގައި ދެމިއޮންނާނެ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ގޯވިންދާ އާއި ކްރުޝްނާ އާ ދެމެދު ޖެހިފައިވާ މައްސަލަގަނޑުގެ ވާހަކަ އަނެއްކާވެސް ގަދަވެފައި މިވަނީ ކުރިއަށް އޮތް ކަޕިލް ޝަރްމާ ޝޯގައި ގޯވިންދާ އަދި އަންހެނުން ސުނީތާ ބައިވެރިވާ އެޕިސޯޑާ ގުޅިގެންނެވެ.

ޝޯގެ ބައިވެރިއެއް ކަމަށްވާ ކްރުޝްނާ މި އެޕިސޯޑުގައި ބައިވެރި ނުވާން ނިންމައި އޭނާ ބުނެފައިވަނީ އެއީ އެންމެންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭގެ ރައްދުގައި ސުނީތާ ބުނެފައިވަނީ ދެފަރާތުންވެސް އެއް ސްޓޭޖަކުން ފެންނަން ބޭނުން ނުވާ ކަން ކްރުޝްނާ މީޑިއާގައި ހާމަކޮށްފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގޯވިންދާ ވަނީ ބަޔާނެއް ނެރެ، އާއިލާގެ ތެރޭގައި ޖެހިފައިވާ މައްސަލައިގެ ވާހަކަ އާއްމުންގެ ކުރިމަތީ ދައްކަން ބޭނުން ނުވާކަން ހާމަކޮށްފައި ކަމަށެވެ. އަދި ގޯވިންދާ އެ ވައުދުގެ މަތީގައި މިހާތަނަށް ސާބިތުވެ ހުރި ކަމަށާއި ނަމަވެސް ކަންކަން މިހާ ހިސާބަށް ދިއުމުން މައްސަލައާ ގުޅިގެން ވާހަކަ ދައްކަން ޖެހޭ ކަން ސުނީތާ ވަނީ ފާހަގަ ކޮށްފައެވެ. އޭގެ އިތުރުން އަމިއްލައަށް މަޝްހޫރުވުމުގެ ބޭނުމުގައި އަބަދު ގޯވިންދާގެ ނަން ބޭނުން ނުކުރުމަށް ވެސް އޭނާ ވަނީ ކްރުޝްނާ އަށް ނަސޭހަތްތެރިވެފަ އެވެ.