ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ގޭގައި ހުންނަވައިގެން މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައި އޮތީ މާދަމާ ހެނދުނު 9:00 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށާއި، ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.
މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، ރައީސް ޔާމީން ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފައެވެ.
މާދަމާ އޮންނަ އިސްތިއުނާފު މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު