މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުގައި ތިބި މީހުންގެ ފައިސާއާ ބެހޭ މުއާމަލާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ޕްރިޒަނާ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމް (ޕެމްސް) މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

ގައިދީންނާއި ބަންދުގައި ތިބި މީހުންނަށް އާއިލާތަކުން ކޮންމެ މަހަކު ބަނޑޭރި ޕޭ މެދުވެރިކޮށް ފޮނުވާ ފައިސާ އާއި އެލަވަންސް އުސޫލުން މަސައްކަތް ކުރާ ގައިދީންގެ ފައިސާ ފަސޭހައިން ބެލެހެއްޓުމަށް ޕެމްސްއިން މަގުފަހިކޮށްދެއެވެ. މީގެ އިތުރުން ގައިދީންނާއި ބަންދުގައި ތިބި މީހުން ވިޔަފާރި އުސޫލުންކުރާ މުއާމަލާތްތައް ފަސޭހައިން ބެލެހެއްޓޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޕެމްސްއަކީ ޓޯޓަލް އޮފެންޑާ މެނޭޖްމަންޓް ސިސްޓަމް (އެޓަމްސް)ގެ އެކައުންޓްސްތަކާ ބެހޭ މޮޑިއުލެކެވެ. މިގޮތުން އެޓަމްސް އިން ގައިދީންގެ ހުރިހާ ރެކޯޑްތައް ބަލަހައްޓާއިރު، ޕެމްސްއިން ބަލަހައްޓާނީ އެފަރާތްތަކުގެ ފައިސާއާ ބެހޭ ރެކޯޑްތަކެވެ.

މި ސިސްޓަމް މެދުވެރިކޮށް ހުރިހާ ޖަލަކާއި ހެޑް އޮފީސް ގުޅުވައިދެއެވެ. މީގެ ސަބަބުން އެއް ޑޭޓާބޭސް އަކުން ގައިދީންގެ ރެކޯޑްތައް ބެލެހެއްޓި، ކަންތައްތައް ކުރުމުގައި ކުރިއަށް ވުރެ އަވަސްވެ، ކަރުދާސް ބޭނުންކުރުމާއި ޑަބަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ލުއިވެގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މި ސިސްޓަމް އަބަދުވެސް ލައިވްކޮށް އަޕްޑޭޓްވަމުންދާނެ ކަމަށާއި މީގެ ސަބަބުން މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެ، އޮފިސަރުންނާއި މުވައްޒަފުން ޒިންމާދާރުވުން އިތުރުވެގެންދާނެ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

އެޓަމްސް އާއި ޕެމްސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ އައިޓީ ސެކްޝަންގެ ފަންނީ އޮފިސަރުންނާއި މުވައްޒަފުންނެވެ.