މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 35 އަހަރީ ދުވަހުގެ އުފާފާޅުކުރުންތަކުގެ ތެރެއިން ހާއްސަ ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

ޖުމުލަ 45 ޓީމާއެކު އިއްޔެ ފެށި ފުޓްސަލް މުބާރާތް ފައްޓަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދަން ނިންމާފައިވާ މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ނޮކްއައުޓް އުސޫލުންނެވެ. މުބާރާތުގައި 45 މެޗު ޝެޑިއުލް ކޮށްފައިވާ އިރު، މުބާރާތް ކުރިއަށްދަނީ ފޯރިގަދަކޮށެވެ.

އެމްޕީއެލްއަކީ ފުޓްސަލްގައި ހުނަރުވެރި ކުޅުންތެރިން ފާހަގަވެގެންދާ އޮފީހެކެވެ. ރާއްޖޭގައި ބާއްވާ އޮފީސްތަކުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ އިތުރުން ވުމަންސް ފުޓްސަލް ފިއެސްޓާގައި ވެސް އެމްޕީއެލްގެ ފުޓްސަލް ޓީމުތައް ފެންނަނީ އަބަދުވެސް ކާމިޔާބުކޮށެވެ.

އެމްޕީއެލްއަކީ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުންޏަށް 35 އަހަރު ފާހަގަކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް ހިންގަން ރާވައިފައެވެ.