ޚަބަރު

ކަނޑޫދޫ ސްކޫލަށް ޕްރިންސިޕަލަކު އައްޔަން ނުކުރުމަށް ޓްރައިބިއުނަލުން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ތ. ކަނޑޫދޫ ސްކޫލަށް ޕްރިންސިޕަލަކު އައްޔަންކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް، ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

ޓްރައިބިއުނަލުން އެގޮތަށް އަމުރު ކޮށްފައި ވަނީ، ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމު އަދާކުރަމުން ދިޔަ، ޝަހުލާ އަބްދުﷲ އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރުމަށް ނިންމުމުން އޭނާ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޝަހުލާ ހުށަހެޅި މައްސަލަ ނިމެންދެން، ކަނޑޫދޫ ސްކޫލަށް ޕްރިންސިޕަލަކު އައްޔަންކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅީވެސް ހަމަ އޭނާއެވެ.

އެ ހުށަހެޅުމުގައި ބުނެފައި ވަނީ ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމަށް އެހެން ފަރާތެއް އައްޔަން ކުރުމަކީ، އޭނާ ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާ ނިންމުމެއް ތަންފީޒު ކުރުމަށް ހުރަސްއެޅި، އެ ނިންމުމުގެ ބާރު ކެނޑި، އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި މައުލޫއީގޮތުން ވަކި ގޮތެއް ކަނޑައަޅަންދެން ތ. ކަނޑޫދޫ ސްކޫލަށް ޕްރިންސިޕަލަކު އައްޔަން ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އަމުރު ކޮށްދިނުމަށް ވަނީ އެދިފައެވެ.

ވަގުތީ އަމުރުގެ މައްސަލަ ބަލައި ޓްރައިބިނަލުން، ވަނީ ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމަށް ދާއިމީ މުވައްޒަފަކު އައްޔަން ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަން އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްފައެވެ.