ބޮލީވުޑް ތަރި އަކްޝޭ ކުމާރުގެ މަންމަ މަރުވެއްޖެއެވެ.

އަކްޝޭ ކުމާރުގެ މަންމަ އަރުން ބާޓިއާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މަންމަގެ މަރުގެ ހަބަރު ހިއްސާ ކުރުމަށް އަކްޝޭ ކުރި އިންސްޓަގްރާމު ޕޯސްޓެއްގައި ބުނެފައިވަނީ މަންމަ އަކީ އޭނާގެ ދިރުން ކަމަށާއި ކެތް ނުކުރެވޭ ވަރުގެ ވޭނެއް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ.

އެ ހަބަރު ހިއްސާކުރުމާއެކު ގިނަ ތަރިންތަކެއް ވަނީ އޭނާއަށް ހިތްވަރު ދިނުމުގެ މެސެޖުތައް ކުރަން ފަށާފައެވެ.

ޖެކީ ބަގްނާނީގެ ފިލްމުގެ މަންޒަރުތައް ނެގުމަށް އިނގިރޭސިވިލާތުގައި ހުރުމަށްފަހު އަކްޝޭ ކުމާރުވަނީ މަންމަގެ ހާލު ބޮޑުވި ހަބަރާއެކު، ޝޫޓިންތައް މެދުކަނޑާލުމަށްފަހު ވަގުތުން މިހަފުތާގެ ތެރޭގައި އެނބުރި މުމްބާއީ އަށް ގޮސްފައެވެ. އަދި އޭނާގެ މަންމައަށް ހެޔޮ ދުއާކޮށްދިނުމަށް ފޭނުންގެ ކިބައިން މީގެކުރިން އެދިފައިވެ އެވެ.