ރ. އަލިފުށީގައި ސަރުކާރުން އެއާޕޯޓެއް ހަދަން ނިންމައި އެކަން ކުރިއަށްގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މީކާއިލް ސަރުކާރަށް ފާޑު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކުދި ބިންކޮޅުތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެތަންކޮޅު ދޫކޮށްލާ ފަރާތްތަކަށް ގޯތި ދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.
މީކާއިލް ވިދާޅުވީ، މާލޭގެ ރައްޔިތުން ކުދިކުދި ގޮޅިތަކުގައި އުޅެމުންދާއިރު، ބަޖެޓްގައިވެސް ހިމަނާފައި ނުވާ އެއާޕޯޓެއް އަލިފުށީގައި ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީކާއިލް ވިދާޅުވީ މާލެއިން ލިބޭ ކުދި ބިންކޮޅު ދޫކޮށްލާ މީހުންނަށް ހުޅުމާލެއިން ގޯތި ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރިއަށްގެންދިޔަ ވެށިފަހި މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ވައުދުވެފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރަށް ތިން އަހަރު ވެގެންދާއިރު އެފަދަ އެއްވެސް މަޝްރޫއުއެއް މާލޭގެ ރައްޔިތުންނަށް ފަށާފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމެއްގެ ހައިސިއްޔަތުން މަޝްރޫއުތައް ހިންގަން އިސްކަންދޭ ތަރުތީބެއް ރާއްޖޭގައި ވެސް އޮންނަން ވާނެ ކަމަށެވެ. ނަމަވެސް ނިކަމެތި ހާލުގައި އެތައް ރައްޔިތުންތަކެއް މާލޭގައި ދިރިއުޅެމުން ދަނިކޮށް، ކުއްލިއަކަށް އަޑުއިވިގެން ދިޔައީ މިހާރު ވެސް އެއާޕޯޓެއް އޮތް ރ. އަތޮޅުގައި، 451 މިލިއަން ރުފިޔާއަށް އިތުރު އެއާޕޯޓެއް އަޅާ ވާހަކަ ކަމަށް މީކާއިލް ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން ރައްޔިތުންނަށް މޫނު ދައްކާލާނެ ގޮތެއް ވިދާޅުވެދެއްވާ" މީކާއިލް ވިދާޅުވިއެވެ.
އަލިފުށީ އެއާޕޯޓް މަޝްރޫއަކީ ބަޖެޓުގައި ވެސް ނެތް މަޝްރޫއެއް ކަމަށާއި ވަކި މީހަކު ރުއްސަން ރައްޔިތުންގެ ޓެކްސް ފައިސާ މިސް މެނޭޖު ކޮށްގެން ނުވާނެ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
އަލިފުށީގައި އެއާޕޯޓެއް ހެދުމަށް މިމަހު އެއްވަނަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު