ހެލްތު މިިނިސްޓަރު ބަދަލުވި ނަމަވެސް ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވަމުން ނުދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން މިނިސްޓަރު ނަސީމަށް ފާޑު ވިދާޅުވެއްޖެއެވެ.
މެންބަރުން އެކަމަށް ފާޑު ވިދާޅުވީ، ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ކޮވިޑް ފެތުރުން އިތުރުވެފައިވާތީ، އެ ދެރަށަށް ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ފޯރުވައިދިނުމަށް ސަރުކާރަށް ގޮވާލައި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.
ކުއްލި މައްސަލައިގައިވެސް މެމްބަރުން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ، ނޮޅިވަރަމުގައި އެމްބިއުލާންސްއެއް ނެތުމުން ޕިކަޕެއްގައި ބަލި މީހުން އުފުލަންޖެހޭ މައްސަލަ އާއި ބޭސް ނެތުމާއި ސިއްހީ ހިދުމަތްތެރިން ނުލިބޭ މައްސަލައެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ، އެމެމްބަރު ނިސްބަތްވާ ދާއިރާގެ ފޮއްދޫއަށް އެމްބިއުލާންސެއް ލިބޭނީ ކޮންއިރަކުންތޯ އޮޅުން ފިލުވުމަށް މާޗް 31 ގައި މަޖިލިސް ތަޅުމުގައި ހެލްތު މިނިސްޓަރާ ސުވާލު ކުރުމުން، އޭޕްރީލް މަސް ނިމުމުގެ ކުރިން ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެމްބިއުލާންސް ލިބިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހެލްތު މިނިސްޓަރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ އެތައް ފަހަރަކު ވާހަކަ ދައްކާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްބިއުލާންސެއް ހަމަނުޖެހުމުން ފޮއްދޫގައި ބަލި މީހުން އުފުލަނީ ރަށު ޕިކަޕެއްގައި ކަމަށާއި އެއީ ބަލަން ވަރަށް އުނދަގޫ މަންޒަރެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ހާލަތު ދަނީ ނިކަމެތިވަމުން ކަމަށާއި ރަނގަޅު ފަރުވާ ނުލިބުމުގެ އިތުރުން ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ލިބެން ނެތިގެން ރާއްޖޭން ބޭރުގައި ތިބޭ ރައްޓެހިންނަށް ބައެއް ރައްޔިތުން ސަލާން ޖަހަން ޖެހިފައިވާ ކަމަށެވެ. އަދި ރަށްރަށުގައި ސިއްހީ ދާއިރާގެ ހާލަތު ގޯސްވެ ފްރޮންޓްލައިން ސްޓާފުންނަށް ރިސްކު އެލަވަންސް ވެސް ނުލިބޭ މައްސަލަ ދިމާވަމުންދާ ކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ 21 ވަނަ ގަރުނުގައި ރަށްރަށުގައި އެމްބިއުލޭންސް ނެތިގެން އެވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށާއި ކޮވިޑުގެ ހާލަތުގައި ސަރުކާރުން ކަންކަން މެނޭޖް ކުރަމުން އައިގޮތް ރަނގަޅު ނަމަވެސް، ރަނގަޅު ކުރަންހުރި ކަންކަމުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، އެ ސިޓީން ކޮވީޑަށް 100 އަށްވުރެ ގިނަ ކޭސްފެނި މޮނިޓަރިންނަށް ގޮސްފައިވާއިރު، ޕީސީއާރު މެޝީން ކުރެ ޕީސީއާރު ޓެސްތް ނެހެދޭކަމަށެވެ. އެހެންކަމުން ސާމްޕަލްނަގައިގެން އައްޑޫ ނުވަތަ މާލެއަށް ފޮނުވައިގެން ނަތީޖާއަށް އިންތިޒާރު ކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު