މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަމަލީގޮތުން މަސައްކަތް ފަށައިގެން، އއ. ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައިލުމަށް އަމާޒު ހިފާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ތަފާތު އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދުއަށް އަންނަމުންދާ ތަރައްގީއާ އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި އެ ކުންފުނިން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

ރަސްދޫގައި މިވަގުތު ހިދުމަތް ދެމުންގެންދަނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކުގައެވެ. ނަމަވެސް އެ އިންޖީނުގެއަކީ ކުރިއަށް އޮތްތަނުގައި ރަސްދުއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމަށާއި، އަދި މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ ފަސް މެގަވޮޓްގެ ކެޕޭސީޓީއެއް ބިލްޑް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އަދި މި އިންޖީނުގެ އިމާރާތް ކުރެވެމުންދަނީ ހިދުމަތަށް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރި ތަނުގައެވެ.

އޭގެ އިތުރުންވެސް، އަލަށް އިމާރާތް ކުރަމުންގެންދާ އިންޖީނުގެ އަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެ ކަމަށާއި އަދި މި އައު އިންޖީނުގެ ވެގެންދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.

އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށާއި އޮންލައިން މޮނިޓަރިން އާއި، ޓެކްނިކަލް ސަޕޯޓުގެ އިތުރުން އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ އެ ކުންފުނީގެ އުއްމީދަކީ އައު އަހަރާއެކު އިފްތިތާހު ކުރެވިގެންދާނެ މި އައު އިންޖީނުގެއާއެކު، ރަސްދުއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީއާއި ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ހިދުމަތެއް އެ ކުންފުނިން ރަސްދޫގައި ދެވިގެންދިއުން ކަމަށެވެ.