މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހުށަހެޅި ރެކޮމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު އެ ކޮމިޓީއާ ހިއްސާކޮށްފިއެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުގައި އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީގެ ރެކޮމެންޑޭޝަންތަކާ ގުޅިގެން މިއަދާ ހަމައަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައުލޫމާތު ކޮމިޓީއަށް ފޮނުވާފައި ވަނީ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ބްރީފިން ކަރުދާހެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ސިއްރު ޖެހުމަށްފަހު، އެ ކަރުދާސް ސާކިއުލޭޓް ކުރަން ޖެހޭނީ ކޮމިޓީގެ މެންބަރުންނަށް އެކަނި ކަމަށްވެސް ކަރުދާހުގައި ހިމަނާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ކޮމިޓީގެ ބައްދަލުވުން ފެށުމަށްފަހު، އަސްލަމް ވިދާލުވީ އެ ބްރީފިން ކަރުދާހުގައި ސިއްރު ޖަހާފައި އޮތުމުން އެއަށް ބަހުސްކުރުން ސިއްރު ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައި ލެއްވިއެވެ. އެގޮތުން ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ތާއީދު ކުރައްވައިގެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރިއެވެ.
ރައީސް ނަޝީދަށް ހަމަލާދިން މައްސަލަ ބަލައި 241 ކޮމިޓީން އެކުލަވައިލި، އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.
އެ ރެކޮމެންޑޭޝަންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލުމާތު ނުދެނީސް ރާއްޖެ ވަޑައިގަތުން ރަނގަޅު ނޫން ކަމަށް، މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު