ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށައިފިއެވެ.
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ވަން' އަށް ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ފަސް ސުކޫލެއް ފިޔަވައި އެހެން ހުރިހާ ސްކޫލެއްގައި ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދޭން ފަށާފައިވާ ކަމަށާއި އަދި އިއްޔެ އިން ފެށިގެން ބައެއް ސްކޫލުތަކުގައި ދެވަނަ ޑޯޒު ދޭން ފަށާފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، ފަސް ރަށެއްގެ ސްކޫލު ކުދިންނަށް ކޮވިޑުގެ ފުރަތަމަ ޑޯޒު ދޭން ފެށިފައި ނުވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ކަމަށެވެ. އަދި މޮނިޓަރިން ހާލަތުން ނެގުމުން އެ ރަށްތަކުގެ ސްކޫލް ކުދިންނަށްވެސް ވެކްސިން ދޭން ފަށާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ވެކްސިން ދޭން ފަށާފައި ނުވާ ފަސް ރަށުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ ދަރިވަރުންގެ އަދަދު މިއަދު ހާމަކުރާނެ ކަމަށް ބުންޏެވެ.
ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮގުރާމުގެ ދަށުން މިދިޔަ މަހުގެ 25އާ ހަމައަށް 30،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު