ސަބްލީސް އެއްބަސްވުމެއްގެ ދަށުން ރިހިވެލި ރިސޯޓު ހިންގަމުން އައި ސޭވް ދަ ޑްރީމްސްގެ ސަބްލީޒް އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސޭވް ދަ ޑްރީމްސް އިން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މަހާނައެޅިހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާއެކު މާހަލް އިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާހަލް އިން ބާތިލު ކުރި މައްސަލައިގައި ސޭވް ދަ ޑްރީމުން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް ކަމަށެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން ސަބްލީސް އެގްރީމެންޓުގެ ދަށުން ދައްކަންޖެހޭ ކުލި، އެއްބަސްވުމާ އެއްގޮތަށް މާހަލްއަށް ދައްކާފައިވާކަން ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ޝަރީއަތަށް ސާބިތުކޮށްދޭން ކާފީ ހެއްކެއް ހުށަހެޅިފައިނުވާ އިރު، އެއްބަސްވުމާ އެއްގޮތަށް ސަބްލީސް ކުލި ނުދައްކާކަން ސޭވް ދަ ޑްރީމް ފްރާންސްގެ ބަހުންވެސް އެނގެން އޮތް ކަމަށެވެ.

އެހެންކަމުން ކުލި ނުދެއްކުމަކީ އެ އެއްބަސްވުން ބާތިލުކުރުމުގެ ހައްގު މާހަލްއަށް ލިބިގެންވާ ކަމެއް ކަމަށާއި ކުލި ދެއްކުމަކާ ނުލައި އެ އެއްބަސްވުމުގެ ދަށުން ލީސް ކުރެވިފައިވާ ތަނަކުން މަންފާ ހާސިލުކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ލިބިގެންނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ، މާހަލްއިން ސަބްލީސް އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން މާހަލްގެ ނުރުހުމުގައި ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެތަނުން މަންފާ ހާސިލުކުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

"ސޭވް ދަ ޑްރީމްސް"ގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަބްލީސް އެއްބަސްވުން ބާތިލުކުރި ހުކުމް އިސްތިއުނާފުކުރަން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ސަބްލީސް އެގްރީމެންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމުމުން މާހަލް ޓުއާސްގެ ފަރާތުން ކަމަށް ބުނެ ބަޔަކު ވަނީ ރިހިވެލި ރިސޯޓަށް އަރައި ހަމަނުޖެހުން ހިންގައި އެރަށުގައި ތިބި ސޭވް ދި ޑްރީމްގެ މީހުން ފޭބުމަށް އަންގައިފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ދީފައިވާ ހުއްދަ މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ. އެކަމާ ގުޅިގެން ސޭވް ދަ ޑްރީމްސް އިން ވަނީ އިސްތިއުނާފުކުރުމަށް ވަގުތު ނުދީ ހުއްދަ ބާތިލުކުރުމުން ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ސިވިލް ކޯޓުގެ އެ ނިންމުމާ ގުޅިގެން ސޭވް ދަ ޑްރީމްސް އިން ވަނީ ކޯޓުން ހުކުމް ކުރި ގާޒީ އަލީ ނަސީރުގެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފައެވެ. ޖޭއެސްސީއަށް ސޭވް ދަ ޑްރީމްސް އިން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެކަމާބެހޭ މައުލޫމާތު މާހަލްއަށް ލިބިފައިވާ ކަމަށް ތުހުމަތުކޮށެވެ.