ކުރީގެ ފަނޑިޔާރުންގެ ތުހުމަތުތަކަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ސިޔާސީ މަސައްކަތެއް ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

ޖޭޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަމަހަމަކަމާއި އަދުލުއިންސާފު ގާއިމުކުރުމާއި ގާނޫނީ ހަމަތަކުން ހިންގާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރުމަކީ އެ ޕާޓީގެ މައިގަނޑު މަގުސަދެއް ކަމަށެވެ.

ޖޭޕީން ބުނީ ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތަކެއް ކަމަށް ދެކޭ ކަމަށެވެ.

"މި ޕާޓީން ދެކޭގޮތުގައި މިއީ، ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލުވާލުމަށާއި އަދުލު އިންސާފު ގާއިމުކުރުމަށް ކުރެވޭ މަސައްކަތާ މެދު ޝައްކު އުފެއްދުމަށާއި އިންސާފުވެރިކޮށް ބޭއްވޭ ޝަރީއަތްތަކަށް ހުރަސްއެޅުމަށާއި އަދި ފަނޑިޔާރުންނަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ސިޔާސީ މަސައްކަތެއް ކަމުގައެވެ..،" ޖޭޕީގެ ބަޔާނުގައި ބުންޏެވެ.

ޖޭޕީން ބުނީ، ފަނޑިޔާރުންނާއި ވަކީލުންނަކީ އިސްލާމްދީނަށާއި ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމުކުރާ، ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ ހައްގުބަސް ބުނަންޖެހޭ ބަޔަކަށް ވީހިނދު، އެފަދަ ބޭފުޅުން ވަކި މައްސަލައެއް ހިނގައިދިޔަ ގޮތަކާ މެދު ޝަރުއީ ނިޒާމުގެ އަގުވައްޓޭ ފަދަ، ސުލްހަވެރި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ކުރާ އެންމެހާ ކަންކަން ކުށްވެރިކުރާ ކަމަށެވެ.

ޖޭޕީން އިތުރަށް ބުނީ ޝަރީއަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހުއްޓުވޭނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ޖިނާއީ ތަހުގީގެއް ހިންގައި، އެފަރާތަކަށް ހައްގު އަދަބު ދެވިގެން ކަމަށެވެ.

ކުރީގެ ބައެއް ފަނޑިޔާރުންނާއި ވަކީލުން އެކުވެގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ވަނީ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަން ފާހަގަކޮށްފައިވެއެވެ.