ލޯކަލް ކައުންސިލްތައް އަހަރު ދުވަހަށް ސަސްޕެންޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ކައުންސިލުތައް ސަސްޕެންޑު ކުރުމަށް ޖާބިރު ގޮވާލެއްވީ، ދައުލަތުގެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްފައިވާ އިރު، ކަންތައްތައް ކުރުމުގެ ގާބިލުކަން ކައުންސިލުތަކުގައި ނެތްކަން ފާހަގަކުރައްވަމުންނެވެ.
ޖާބިރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ބާރުތައް ދޫކޮށްލުމާ ގުޅިގެން ރާއްޖޭގެ 200 ރަށުގައި މިހާރު 200 ސަރުކާރު އުފެދިފައިވާ ކަމަށެވެ. އަދި ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކައުންސިލުތައް ބައިބައިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ސެންޓްރަލް ގަވަރުމަންޓުގެ ބާރު ކެނޑިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަމުގައި އޮތް ގޮތަށް އަތޮޅުވެރިންނާއި ކަތީބުން ލައިގެން ހިންގި ޒަމާން މާރަނގަޅު ކަމަށާއި އޭރު ސެންޓްރަލް ގަވަރުމަންޓުގެ ބާރު އެތަންތަނަށް އޮންނަ ކަމަށެވެ. އަދި ކައުންސިލުތަކުގެ މައްސަލަތައް ބޮޑެވެފައިވާ ވަރުން އެންމެ ބޮޑު އުނދުލެއް ކުރިމަތިވަނީ ރައްޔިތުންނަށް ހިދުމަތް ދޭ، ވިޔަފާރިވެރިންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކައުންސިލްތަކަށް މިހާރު ލިބިފައިވާ ބާރުގެ ދަށުން ވިޔަފާރީގެ ބޮޑެތި އިންވެސްޓްމަންޓުތައް ކުރުމަށް ކުރިން ވެފައިވާ އެއްބަސްވުންތަކަށް ހިތު ހުރި ގޮތެއް ހަދައި، އުނދަގޫތައް ކުރިމަތިކުރާ އިރު، އެކަންތައްތައް ކުރުމަށް ކައުންސިލްތަކުގައި ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ސާފުކޮށް ގާނޫނުއަސާސީގައި އޮތް ނަމަވެސް އެކަމުގެ ސަބަބުން ފެޑަރޭޝަނަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ސަރުކާރަކީ ކޮބައިކަމެއް އަދި ރާއްޖޭގައި އޮތީ ވެރިކަމުގެ ކޮން ނިޒާމެއް ކަމެއް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު