ގާލްސް އަލައުޑް ގުރޫޕުގެ ލަވަކިޔުންތެރިޔާ ސާރާ ހާޑިންގް މަރުވެއްޖެއެވެ.
އުމުރުން 39 އަހަރުގައި ސާރާ މަރުވެފައިވަނީ ކެންސަރު ބަލީގައި އިއްޔެގެ ވަގުތެއްގައެވެ. ބްރިޓިޝް-އައިރިޝް ޕޮޕް ގުރޫޕުގެ ލަވަކިޔުންތެރިޔާ ސާރާއަށް ކެންސަރު ޖެހިފައިވާކަން އޭނާ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ.
ބޭންޑުގެ އިތުރުން މޮޑެލްކުރުމާއި އެކްޓުކުރުމުގެ ހުނަރުވެސް ދައްކަމުން އައިސްފައިވާ ސާރާ ވަނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި އަދި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ކެންސަރު ފެތުރިފައިވާކަން މިދިޔަ އަހަރުގެ އޯގަސްޓުގައި އިއުލާންކޮށްފައެވެ.
ސާރާ ކެންސަރާ ހަނގުރާމަކޮށް އިއްޔެގެ ވަގުތެއްގައި މަރުވިކަމުގެ ހަބަރު އޭނާގެ މަންމަ ވަނީ އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ.
ސާރާ ހާޑިންގް މަގުބޫލުކަން ހޯދާފައިވަނީ އިނގިރޭސި މަޝްހޫރު ޓެލެންޓް ޝޯ ''ޕޮޕްސްޓާސް: ދަ ރައިވަލް'' ގައި 2002 ވަނަ އަހަރު ބައިވެރިވެ ލިބުނު ސަމާލުކަމުންނެވެ. ފިރިހެން ބޭންޑަކާއި އަންހެން ބޭންޑެއް އުފެއްދުމަށް ކުރިއަށް ގެންދިޔަ މި ޝޯގައި ސާރާ ބައިވެރިވެ، އޭނާ ވަނީ ފައިނަލަށް ދަތުރުކޮށް ޝޯގައި އެކުލަވާލި އަންހެން ބޭންޑު ''ގާލްސް އަލައުޑް'' ގައި ހިމެނިފައެވެ.
މި ބޭންޑުގައި ލަވަކިޔުމުގެ އިތުރުން އޭނާ ވަނީ ބައެއް ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެ ސެލެބްރިޓީ ބިގް ބްރަދާގައި ބައިވެރިވެ އޭނާ ވަނީ އެ އަހަރުގެ ޝޯ ކާމިޔާބުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން