މަގުތައް ހަލާކު ވެ ހެދިފައި ހުންނަ ވަޅުގަނޑުގެ މައްސަލަ ތަފާތު ގޮތަކަށް ސަމާލުކަމަށް ގެނެސްފިއެވެ.
އިންޑިއާގެ ބޯޕާލްގެ މަގުތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް އަޑު އުފުލުމުގެ ގޮތުން މީހުންތައް އެއްކޮށްގެން ހަޅޭއްލަވައި މުޒާހަރާ ކުރުމުގެ ބަދަލުގައި މަދިޔަ ޕްރަދޭޝްގެ މި އަންހެނުން ނިންމީ ''ކެޓްވޯކެއް'' ޖައްސާށެވެ.
ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނައުމުގެ ބޭނުމުގައި އަންހެނުން ތަކެއްވަނީ ނަލަ ހެދިގެން، މަގުމަތީ ހެދިފައިވާ ވަޅުގަނޑުތައް މަތީ މޮޑެލް ކޮށްފައެވެ. ''އޭ ބާއީ ޒަރާ ދޭކް ކެ ޗަލޯ'' ލަވަ ޖަހަމުން މި އަންހެނުން ވަނީ ކެޓްވޯކު ޖެއްސުމަށް ރޭމްޕެއްގެ ގޮތުގައި މި މަގުތައް ބޭނުން ކޮށްފައެވެ.
މައްސަލަ ސަމާލުކަމަށް ގެނެސް މި ހަރަކާތުގެ ތެރެއިން މި މީހުން ބުނަމުން އައީ ރައްޔިތުންގެ އަތުން ނަގަމުން އަންނަ ޓެކްސް ފައިސާ އިން މަގުތަކަށް ހައްލެއް ހޯދައި ނުދެވޭ ނަމަ، މުނިސިޕަލް ކޯޕަރޭޝަނާ ހަވާލު ކުރުމަށެވެ. އަދި އެކަންކަން ރަނގަޅުކޮށް ނުދެވޭ ނަމަ ޓެކްސް ފައިސާ ނުދެއްކުމަށް ވަނީ ގޮވާލައިފައެވެ.
''މަގުމަތީ ހެދިފަ ހުންނަ ބޮޑެތި ވަޅުގަނޑުތަކުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް އެކްސިޑެންޓެއް ހިނގާ، މިކަމަށް ހައްލެއް ހޯދައި ނުދެވޭނަމަ އަހަރެމެން ދައްކާ ޓެކްސް ފައިސާގެ ބޭނުމެއް ކޮބާ؟ މި ހަރަކާތުގައި ބައިވެރިވި އަންހެނަކު ބުނެފައިވެއެވެ.
ވާރޭ ވެހުމުގެ ސަބަބުން ބޯޕާލްގެ ގިނަ މަގުތަކުގައި ވަނީ ބޮޑެތި ވަޅުގަނޑުތައް އުފެދި ޗަކަ ހެދިފައެވެ. އަދި ހިނގައިބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އެކަމުގެ ސަބަބުން ގެއްލުންވެ ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމުގައި އެމީހުން ބުނެއެވެ.