ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގެ މުވައްޒަފުން ނުހިމެނޭ، މިނިވަން އަދި ފަންނީ ބޭފުޅުންގެ ޓީމަކުން އިސްލާމް އަދި ގުރުއާން، މި ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެންއައިއީން އެގޮތަށް ނިންމާފައި މިވަނީ "ތަދުރީސުލްގުރުއާން" ގުރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގެ ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް ފާހަގަވުމުންނެވެ.
އެންއައިއީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އަލަށް ތައާރަފުކުރި ތަދުރީސުލްގުރުއާން ގުރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގެ އިތުރުން ކުރީގައި އެކުލަވާލާފައިވާ އެހެން ބައެއް ގުރޭޑުތަކުގެ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ކުށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކުށްތަކާ އެކު ފޮތް ޝާއިއުކުރެވެން ދިމާވި ގޮތް ދެނެގަނެ، އެފަދަ ކުށެއް ތަކުރާރުވިޔަ ނުދިނުމަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.
އެގޮތުން އެންއައިއީގެ މުވައްޒަފުން ނުހިމެނޭ މިނިވަން ކޮމިޓީއަކުން އިސްލާމް އަދި ގުރުއާންގެ ހުރިހާ ފޮތްތަކެއް ރިވިއުކޮށް، އެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ކުށްތައް އިސްލާހު ކުރުމަށް އެ ވަގުތަކު ސްކޫލުތަކަށް ދޭންޖެހޭ އިރުޝާދު ދެމުން ގެންދާނެ ކަމަށް އެންއައިއީ އިން ބުންޏެވެ.
އެންއައިއީ އިން ވަނީ ތަދުރީސުލްގުރުއާން ފޮތް ބޭނުން ކުރާއިރު، ގުރުއާނުގައި އޮންނަ ގޮތަށް ކިޔަވައިދިނުމަށް އެދިފައެވެ. އަދި މައްސަލަ ފާހަގަވެފައިވާ ސަފުހާ އޮންނަންވީ ގޮތް ސާކިއުލާއާ އެކު ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށާއި އިސްލާހުކޮށްފައިވާ ސަފުހާ ދަރިވަރުންގެ ފޮތްތަކުގައި ތަތްކުރުމަށްވެސް ވަނީ އެދިފައެވެ.
ތަދުރީސުލްގުރުއާން ފޮތުގެ އިތުރުން ގްރޭޑު ދޭއް އަދި ގްރޭޑް 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ބައެއް އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު