ރައްޔިތުންގެ މަޖިލީހުން ދޭ މުސާރަ ނުނަގައި ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރަސްމީ މަސައްކަތްތަކުން އެއްފަރާތް ވާން ޖެހިފައިވަނީ އެމަނިކުފާނު އަމިއްލައަށް ކުރިކަމަކުން ނޫން ކަމަށާއި ދުނިޔޭގައި ހުރި ކަމަކީވެސް ނަސީބެއް ކަމަށެވެ.
"އަޅުގަނޑު މުސާރަ ނަގަން. އަޅުގަނޑު މުސާރަ ނުނަގައިފިއްޔާ ދިރިއުޅޭނެ ގޮތެއް ނުވެސް އޮންނާނެ. އަޅުގަނޑަކީ އެހެން އެއްވެސް މަސައްކަތެއް ކުރާ މީހެއް ވެސް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮމިޓީ އެލަވަންސްތަކާ އެކު މެންބަރުންނަށް، މަޖިލީހުގެ ރައީސަށްވުރެ ބޮޑު މުސާރައެއް ލިބޭ ކަމަށެވެ.
މިދިޔަ ދޮޅު އަހަރެއްހާ ދުވަހު މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވި ނަމަވެސް ބަރާބަރަށް މުސާރަ ނެންގެވި މެންބަރުން ތިބިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެ މެންބަރުންގެ ތެރޭގައި ބޮޑެތި އާމްދަނީ ލިބޭ މެންބަރުންވެސް އެބަ ތިއްބަވާ ކަމަށެވެ.
މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާގައި ލިބިވަޑައިގެން އަނިޔާތަކަށް ފަރުވާ ހޯއްދެއްވުމަށް އެމަނިކުފާނު އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ވަނީ ސިޓީއެއް ވެސް ފޮނުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު