ހއ. ދިއްދޫ ގެއެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގަން ތިއްބައި ހައްޔަރުކުރި ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރާއި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާ ނަރުސް މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން މީގެ ކުރިން ބުނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންތަކަކަށް ބިރުދައްކައި ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ މެނޭޖަރެވެ.

ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ، މެނޭޖަރު ހައްޔަރުކޮށްފައިވަނީ އިންޑިއާ ނަރުހުގެ ގެއިން ކަމަށެވެ. އެ މައްސަލައިގައި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އިންޑިއާ ނަރުސް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި ދެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ހަތް ދުވަސް ޖަހާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ އެމީހުންގެ ބަންދުގެ މުއްދަތު ހަމަވެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން މި މައްސަލައިގައި ހައްޔަރުކުރި 46 އަހަރުގެ ފިރިހެން މީހާ ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި އަންހެން މީހާ ޝަރުތަކާ ނުލައި ކޯޓުން ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން އެ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ދިއްދޫ އިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ހޮސްޕިޓަލުގެ މެނޭޖަރު އަމިއްލައަށް އެ މަގާމުން ވަކިވާން ނިންމާފައިވާ ކަމަށެވެ.