ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ނެދަލޭންޑްސްއިން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން މޮންޓެނީގްރޯ ބަލިކޮށްފިއެވެ.

ނެދަލޭންޑްސްއިން އަމިއްލަ ދަނޑު، ފިލިޕް ސްޓޭޑިއޮންގައި ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބާސެލޯނާގެ ފޯވަޑް މެމްފިސް ޑިޕޭ ވަނީ ދެ ގޯލު ޖަހައިފައެވެ. މި ސީޒަނަށް ބާސާއަށް ބަދަލުވެ ޑިޕޭ ރަނގަޅު ފޯމެއްގައި ކުޅެމުންދާ އިރު، އޭނާއަކީ މިހާރު ނެދަލޭންޑްސްގެ އެންމެ މުހިއްމު ކުޅުންތެރިޔާވެސް މެއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 30 ގޯލު ޖަހައިފައެވެ. އެންމެފަހުން ކުޅުނު ނުވަ މެޗުން ޑިޕޭ ވަނީ ގައުމީ ޖާޒީގައި ނުވަ ގޯލު ޖަހައިފައެވެ.

މެޗުގައި ޑިޕޭ ފުރަތަމަ ޖެހި ގޯލަކީ ޕެނަލްޓީއެކެވެ. ޑިޕޭއަށް މޮންޓެނީގްރޯގެ ޑޫސާ ލަގަޓޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ނެދަލޭންޑްސްއިން ލީޑު ނަގާފައިވާ އިރު، ދެވަނަ ހާފު ފެށިގެން 15 ވަރަކަށް މިނެޓު ތެރޭގައި ޑިޕޭގެ ދެވަނަ ގޯލެއް ފެނިގެން ދިޔައެވެ.

ނެދަލޭންޑްސްގެ ތިންވަނަ ގޯލު ޖޯޖީނިއޯ ވައިނާލްޑަމް ޖަހައިފައިވާ އިރު، އެޓީމަށް ހަތަރު ވަނަ ގޯލެއް ޖަހައިދިނީ ޒުވާން ފޯވަޑް ކޯޑީ ގަކްޕޯއެވެ. ކްލަބު ފުޓުބޯޅަ ނެދަލޭންޑްސްގެ ޕީއެސްވީގައި ކުޅެމުންދާ ގަކްޕޯ ރޭ ގޯލް ޖެހީ އޭނާގެ ކްލަބުގެވެސް ހޯމް ދަނޑުގައެވެ. ނެދަލޭންޑްސް އިން ރޭގެ މެޗު ކުޅެފައިވަނީ ޕީއެސްވީގެ ދަނޑުގައެވެ.

ރޭގެ މޮޅާއެކު ލުއި ވެންހާލްގެ ނެދަލޭންޑްސް ވަނީ ގްރޫޕް ޖީގެ ދެވަނައަށް ޖެހިލައިފައެވެ. މިވަގުތު އެ ގްރޫޕުގެ އެއްވަނައިގައި އޮތީ ތުރުކީއެވެ. ނެދަލެންޑްސް އިން އިންޓަނޭޝަނަލް ބްރޭކު ނިންމައިލާނީ އަންނަ އަންގާރު ދުވަހުގެ ރޭ ތުރުކީއާ ދެކޮޅަށް ކޮލިފިކޭޝަން މެޗު ކުޅެފައެވެ.