ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރައި މަރާލި މައްސަލައިގައި މިއަދު ބާއްވަން ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މިއަދު ހެނދުނު 9:30 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އެ މައްސަލައިގެ އަޑުއެހުން އެހެން ދުވަހަކަށް ރީ ޝެޑިއުލްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް ބުނީ، އެހެން ދުވަހަކު ޝަރީއަތް ބާއްވައިދިނުމަށް ދިފާއީ ވަކީލުން އެދުމުން ކަމަށެވެ.
އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.
ޓާމިނަލް ކެފޭ ތެރޭގައި އިންދައި މޫނު ނިވާކޮށްގެން ވަން ބަޔަކު ނަޑޭގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ރޭ 6:30 ހާއިރުއެވެ. އަދި އޭގެ ދެ ދުވަސް ފަހުން 29 ވަނަ ދުވަހު އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.
ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ. އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަކުރިއެވެ. މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ އަދި އޭނާއެކު ނިކުމެގެން ގޮސްފައިވަނީ އަލީ ނިފާޒްއެވެ.
ނަދީމަށް ހަމަލާ ދިނުމަށްފަހު ތިން ސައިކަލުގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުން ފާހަގަކުރިއެވެ. ޓާމިނަލް ކެފޭއަށް ވަން މަފާޒާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލް އިނީ ސައިކަލުގައި ގިނިކަންޏާއެވެ. މަފާޒް ނުވަތަ ނިފާޒް ގޮވައިގެން ދިޔަ ހުސައިން ޝާމިނަށް ދައުވާ އުފުލިއިރު ދެން ހުރީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވަނައިލް ކޯޓުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު