ގޯވިންދާ ބައިވެރިވާ ކަޕިލް ޝަރްމާ ޝޯގައި ބަައިވެރި ނުވާން ކްރުޝްނާ ނިންމި ސަބަބު ބުނެފިއެވެ.
ކުރިއަށް އޮތް ކަޕިލް ޝަރްމާ ޝޯގައި ހާއްސަ މެހެމާނުންގެ ގޮތުގައި ގޯވިންދާ އަދި އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ. ގޯވިންދާ އަކީ މި ޝޯގެ އެއް ބައިވެރިއެއް ކަމަށްވާ ކުރުޝްނާގެ ބޮޑުބޭބެ އެވެ. އާއިލާގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންގަނޑެއްގެ ސަބަބުން ކުރުޝްނާ އަދި ގޯވިންދާގެ ގުޅުން ފާއިތު ވި އަހަރު ތަކުގައި ވަނީ ހީނަރުވެފަ އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކްރުޝްނާ ވަނީ ގޯވިންދާ ބައިވެރިވާން ހަމަޖެހިފައިވާ ކަޕިލް ޝަރްމާ ޝޯގައި ބައިވެރި ވާން އިންކާރު ކުރި ސަބަބު ކިޔައިދީފައެވެ.
އޭނާ ބުނާ ގޮތުގައި އެގޮތަށް ނިންމީ އެއީ ދެފަރާތުން ވެސް ބޭނުން ވާނެ ގޮތް ކަމަށް ގަބޫލުކުރާތީ އެވެ. ކްރުޝްނާ އަންނަނީ ކަޕިލް ޝޯގެ އިތުރުން ފިލްމެއްގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި ކުރިއަށް އޮތް ކަޕިލް ޝޯގައި ގޯވިންދާ ބައިވެރިވާތީ އެ އެޕިސޯޑަށް ވަގުތު ދޭކަށް ބޭނުމެއް ނުވެއެވެ. ''އެ އެޕިސޯޑުގައި ބައިވެރިވާން ބޭނުން ނުވާތީ، އެދުވަސް ތަކަށް ތާރީހުތައް ޝެޑިއުލެއް ނުކުރަން'' ކުްރުޝްނާ ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެއީ ކޮމެޑީ ޝޯއެއް ކަމުން މަޖަލަކަށް ބުނެވޭ އެއްޗެއްގެ ސަބަބުން އެކަންތައް ބޮޑުވެގެންދާނީ ކިހާ ހިސާބަކަށް ކަން ބުނަން ނޭނގޭ ކަމަށެވެ. އެފަދަ ކަމަކަށް ތަން ނުދިނުމަށް ޓަކައި އެ އެޕިސޯޑުގައި ބައިވެރި ނުވުން ބުއްދިވެރި ކަމުގައި އޭނާވަނީ ފާހަގަކޮށްފައެވެ. އަދި ގިނަ ބަޔަކު ގޯވިންދާއާ އެކު އޭނާ އެއް ސްޓޭޖަކުން ފެނިލަން ބޭނުންވާ ކަން އެނގޭ ކަމަށާއި ނަމަވެސް، މިފަދައިން ނިންމުން މިއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އާޓިސްޓުންނަކީ ވަރަށް އަވަހަށް ކަންކަން ހިތުގައި ލާ ބައެއް ކަމަށާއި އެއީ މަސައްކަތް ކުރުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ނަމަވެސް އެފަދަ ކަމަކަށް ތަން ނުދޭ ގޮތަށް މަސައްކަތްކުރުން ބުއްދިވެރި ކަމުގައި އޭނާ ވަނީ ބުނެފައެވެ. ''އަހަރެމެން ދެމީހުންގެ މެދުގައި ކަންކަން އަދިވެސް އޮތީ ހައްލު ނުވެ'' އޭނާ އިތުރަށް ފާހަގަކޮށްފައިވެ އެވެ.
ކްރުޝްނާ އާއި ގޯވިންދާ އާ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ސަބަބުން ކަޕިލް ޝަރްމާ އަދި ޝޯގެ ޓީމާއި ގޯވިންދާގެ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކުރަން ބޭނުން ނުވާ ކަމުގައި ވެސް ކްރުޝްނާ ވަނީ ފާހަގަކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން