ހޭންޑްބޯލް

ލީޑްގެ ފުރަތަމަ ހޭންޑް ބޯޅަ އެކަޑެމީއާއެކު ލާމު އަތޮޅުގެ ހޭންޑް ބޯޅައަށް ދުރު ވިސްނުމެއް!

ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފުރަތަމަ ހޭންޑް ބޯޅަ އެކަޑެމީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ލ. ފޮނަދޫގައި މިމަހު އެއްވަނަ ދުވަހު ރަސްމީކޮށް ފެށި އެކަޑެމީއަކީ ލ. އަތޮޅުގެ ފުރަތަމަ ހޭންޑް ބޯޅަ އެކަޑެމީއެވެ. ލީޑް ޖަމިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެކަޑެމީ ރަސްމީކޮށް ފެށީ ޓްރައިލްތަކަކަށް ފަހުގައެވެ. ޓްރައިލްތަކުގައި ގާތްގަނޑަކަށް 40 ވަރަކަށް ކުދިން ބައިވެރިވެފައިވާ ކަމަށްވެސް ލީޑުން ބުނެފައިވެއެވެ. ޖުމުލަ ތިން ކޯޗުންނާއެކު ކުރިއަށްގެންދާ އެކަޑެމީ ރަސްމީކޮށް ފެށުމުގެ ގޮތުން ކޯޗުންނާއި ހުރިހާ ކުޅުންތެރިންނަށް ވަނީ ރަސްމީކޮށް އެކަޑެމީގެ ކިޓް ހަވާލުކޮށްފައެވެ.

ކުޅުންތެރިންނާއި ކޯޗުންނަށް ކިޓް ހަވާލުކޮށްދެއްވީ ލ. އަތޮޅު ކައުންސިލުގެ ރައީސް އިސްމާއީލް އަލީއެވެ.

ލީޑް ހޭންޑްބޯލް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 15 އަހަރުން ދަށުގެ އަންހެން ކުދިންނަށެވެ. އެކަޑެމީގެ ތަމްރީނުތަކުގެ އިތުރުން އެކަޑެމީން އިންތިޒާމުކޮށް މުބާރާތްތައް ކުރިއަށް ގެންދިއުމާއި، އެކިއެކި ޓުއާތައް އިންތިޒާމު ކުރުން ލީޑުން ކުރިއަށްގެންދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ މައުލޫމާތު ދީފައެވެ.

ލީޑް ޖަމިއްޔާގެ ރައީސް މުހައްމަދު އަފްރާހު "ވަން"އަށް ވިދާޅުވީ އެކަޑަމީގެ ބޭނުމަކީ ލ. އަތޮޅުގައި ބާރަށް ކުރި އަރަމުން އަންނަ ހޭންޑްބޯޅައިގެ ތަރިންތަކެއް އުފެއްދުން ކަމަށާއި ހާއްސަކޮށް ލ. އަތޮޅުން ގައުމީ ފެންވަރަށް ކުދިން ގެންދިއުމަކީ އެކަޑަމީގެ ބޮޑު އަމާޒެއް ކަމަށެވެ.

އަފްރާހު އިތުރަށް ވިދާޅުވީ އަމާޒަކީ ލ. އަތޮޅުގެ އެހެން ރަށްރަށުގައިވެސް އެކަޑެމީތައް ފެށުން ކަމަށާއި، އަވަސް މުސްތަގުބަލެއްގައި އިތުރު ދެ ރަށެއްގައި އެކަޑެމީގެ ހަރަކާތްތައް ފަށައި، ލ. އަތޮޅުގައި ހޭންޑް ބޯޅަ ވައިޑީޕީ ފުޅާކުރަން ވިސްނަވާ ކަމަށެވެ. އަދި އެކަޑެމީގެ އެންމެހާ ކަންކަމުގައި ލީޑަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަފްރާހު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

"ލީޑް" ޖަމިއްޔާއަކީ ލ. އަތޮޅުގެ ޒުވާނުންގެ ކުރިމަގަށް ހިންގެމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. ޖަމިއްޔާގެ މައިގަނޑު އަސާސަކީ ޒުވާނުންގެ މުސްތަގުބަލު ބައްޓަންކުރުމުގައި ހެޔޮ ގޮތްތަކެއް ބިނާކޮށް، ޒުވާނުން ބާރުވެރިކުރުވައި، ދެ ޖިންސުގެ ކުޑަކުދިންނަށްވެސް ކުރިއަރަން ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތުދެއެވެ.

ލީޑް ޖަމިއްޔާގެ ތަސައްވަރަކީ ލ. އަތޮޅުގެ ޒުވާނުންނަކީ ގައުމީ ފެންވަރުގައި އަޑު އުފުލާނެ ޒުވާނުންނަށް ހަދައި، ގައުމީ ފެންވަރުގެ ތަރިން ލ. އަތޮޅުގެ ނަން، ގައުމީ ކުލައިގައި ފަވާލުން ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

"ލީޑުގެ ހަރަކާތްތައް މިހާރުވެސް ލ. އަތޮޅުގައި ބިނާކުރަނިވި ވިސްނުމެއްގެ ދަށުން ދަނީ ހިންގެމުން. ހާއްސަކޮށް، ލީޑުގެ ދަށުން ހިންގެމުންދާ ޒުވާނުން ބާރުވެރިކުރުމުގެ ހަރަކާތް ކަމަށްވާ 'އޮރެންޖް ޒުވާނުން'ގެ ހަރަކާތް ދަނީ ކާމިޔާބުކަމާއެކު ހިންގެމުން،" އަފްރާހު ވިދާޅުވިއެވެ.