އދ. ގެ އާންމު މަޖިލީހުގެ މިހާރުގެ ރައީސް ވޮލްކަން ބޮޒްކިރްއާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު ބޮޒްކިރް އަށް އަރުވައިފައެވެ. އަދި ބޮޒްކިރްވެސް ވަނީ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން މިހިނގާ ދައުރު ނިމެންދެން، އަދި އޭގެ ފަހުންވެސް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އާންމު މަޖިލީހުގެ ރައީސްގެ އިތުރުން އދ. ގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި އެކި ގައުމުތަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާވެސް މިނިސްޓަރު ޝާހިދު ވަނީ އިއްޔެ ބައްދަލުކުރައްވައިފައެވެ.
އެގޮތުން ޔޫއެން އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އދ. ގެ އަންޑާ ސެކްރެޓަރީ ޖެނެރަލް އޮލްގާ އަލްގަޔެރޮވާ އާއި ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރު މައިމޫނާ މުހައްމަދު ޝަރީފްގެ އިތުރުން ޑެންމާކް، ފިޖީ، ސްލޮވާކިއާ، އެލްސެލްވަޑޯ އިން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވަފައެވެ.
އޭގެ އިތުރުން މިނިސްޓަރު ވަނީ ފޮރިން މިނިސްޓްރީގެ އެގްޒެކެޓިވް ޓީމާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަން ހިންގަވަން ތިއްބެވި ސަފީރުންނާ ވާޗުއަލްކޮށް ބައްދަލުކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ޓީމް ހާރިޖީ އޮތީ ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖެ ފަހުރުވެރި ގައުމަކަށް ހަދަން ތައްޔާރަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު