ޚަބަރު

ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްއޫރުގެ މަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެ އެވެ.

އެ ކުންފުނީން ބުނީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި ބުރިޖު އެޅުމުގެ މަސައްކަތުގެ 91 ޕަސެންޓު ވެސް ނިމިފައިވާ ކަމަށެވެ.

އެ ކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުން ކުރުމާއި 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުން ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެ އެމްޓީސީސީން ބުނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 45.1 މިލިއަން ރުފިޔާގެ އަށެވެ.