(30 އޯގަސްޓުގެ އަދަދާ ގުޅޭ)

"އެދުވަހު މެނުވީ ދުވަހަކުވެސް އަހަރެންގެ ހިތުގައި މަގާމެއް ލިބުމުގެ ދަހިވެތިކަމެއް ނުއުފެދެއެވެ. (އެދުވަހުގެ އެއްވުމުގައި) އަހަރެން މަތިހަށިނަގައި ކަރުދަމަދަމައިފައި އަހަރެންގެ ނަފުސު ދެއްކޭތޯ މަސައްކަތް ކުރީމެވެ. އަހަރެންގެ ނަން ގޮވައިލެވުން އެދިގެންނެވެ." (ޞަޙީޙު މުސްލިމު)

سعــد بــن أبـى وقّـاص رضى اللّـه عنــه އަކީވެސް އެބޭކަލެއްގެ މަތިވެރި މަގާމާއި ހިތްވަރުފުޅު ގަދަކަމާއި ކައުސާހިބާއާ ހުރި އަރިސްކަން އިތުރަށް ބަޔާންކުރަން ބޭނުން ބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ މަދާއިނުގެ ފަތިހެވެ. އިސްލާމްދީނަށްޓަކައި އެންމެފުރަތަމަ ލެއެއް އޮހޮރައިލެއްވީ سعــد ގެފާނެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

"ވިދިގެންއައި ދުވަހު ޞަޙާބީންގެ ހުރިހާ ބޭކަލުން رسـول اللّـه صلّــى اللّـه عليـه وسلّـم ގެ އަރިހަށް ހާޒިރުވެވަޑައިގެންފިއެވެ. އަހަންނަށް ޖާގަ ލިބުނީ އެއްވުމުގެ އެއްއަރިމައްޗަކުންނެވެ. އަހަރެން އެތާނގައި އިށީނދެއްޖައީމެވެ. ކުއްލިޔަކަށް އަހަރެންގެ ހިތަށް އަރައިފިއެވެ. މިއީ އެއްއަރިމައްޗެއްގައި އިނދެގެން ކަމުދާނެ ވަގުތެއް ނޫނެވެ. މިއަދު އިންނާންވާނީ رسـول اللّـه صلّــى اللّـه عليـه وسلّـم ގެ ސީދާ ކުރިފުޅުމަތީގައެވެ. އަހަރެން އިށީނދެ އިންތަނުން ތެދުވެގެންގޮސް ރަސޫލާގެ ސީދާ ކުރިފުޅުމަތީގައި ހުއްޓިއްޖައީމެވެ." (ތާރީޚުލްޚަމީސް: 2/53)

بــريــدة رضى اللّـه عـنــه އެކަލޭގެފާނުގެ ވާހަކަ ވިދާޅުވެދެއްވައިފައިވެއެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވަނީ އިތުރު ސާހިބާ އެކަލޭގެފާނު ވަރަށް އަރިސްކުރައްވާކަމެވެ. މިފަހަރު އެކަލޭގެފާނަށް ވެރިކަން ދެއްވާނެކަމީ ޝައްކެއްނެތް ކަމެއްކަމުގައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އަހަރެން މަޖިލިސްގައި އިށީނދެ ކަރުދަމަދަމައިފައި އަހަރެންގެ ބޯމައްޗަށް އުފުލާން މަސައްކަތް ކުރީމެވެ. ކައުސާހިބާގެ ލޯފުޅު އަހަރެންގެ މައްޗަށް ހުއްޓޭތޯއެވެ. (ސީރަތު އިބްނު ކަޘީރު: 3/354)

އިސްލާމީ ލަޝްކަރު ޚައިބަރު ހަނގުރާމަޔަށް ދިޔުމަށްޓަކައި މަދީނާއިން ފުރިއިރު عـلــى بــن أبــى طـالـب رضى اللّـه عنــه އިސްލާމީ ލަޝްކަރުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އޭރު އެކަލޭގެފާނުގެ ދެލޯފުޅަށްމެ ވަނީ ރަމަދުގެ (ލޮލުރޯގާގެ) އާލާސްކަންފުޅު ޖެހިފައެވެ. ދެލޯފުޅުންކުރެ ލޯފުޅެއް ނުދިލެއެވެ. އެއްވެސްތަނެއް ފެނިވަޑައެއް ނުގަންނަވައެވެ. عـلــى ގެފާނު ވިދާޅުވެފައިވެއެވެ. "ލަޝްކަރު މަދީނާއިން ފުރުމާއެކު އަހަރެންގެ ހިތުގައި ވަރަށްބޮޑު ލަދުވެތިކަމެއް އުފެދިއްޖެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަމިއްލަފުޅު ހަށިކޮޅާއިގެން ބައިވެރިވެވަޑައިގަންނަވާ ހަނގުރާމަޔަކަށް ނުގޮސް ހުންނާން ޖެހުމުންނެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ލޮލަށް ރަމަދު ޖެހިފައި ހުއްޓެއްކަމަކު ދެއަތް މިއޮތީ ސަލާމަތުންނެވެ. އަހަންނަށް އަހަރެންގެ ކަނޑިހެވިކަމުގެ ޖަޢުހަރު ދައްކައިލެވިދާނެއެވެ. އެ ޚިޔާލު އައުމާއެކު އަހަރެން އެކަނިމާއެކަނި ޚައިބަރަށްދާން ގަސްދުކޮށްފީމެވެ. ދަތުރު ތައްޔާރުކޮށްގެން ޚައިބަރަށް ދަތުރުކޮށްފީމެވެ." ޚައިބަރަށް ވަޑައިގެންނެވުނުއިރުވެސް ލޯފުޅުގެ އާލާސްކަންފުޅު ރަނގަޅެއް ނުވެއެވެ. އެހެންކަމުން އުޅުއްވީ ނިތްކުރިފުޅާއި ލޯފުޅުމަތީގައި ފޮތިވަރެއް ބަންނަވައިގެންނެވެ. (ތާރީޚުލްޚަމީސް: 2:54)

* * * * * * *

ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ޞަޙާބީން އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ކުރިފުޅުމައްޗަށް ހާޒިރުވެވަޑައިގެންފިއެވެ. މަޖިލިހަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. ހުރިހައި ބޭކަލުންވެސް ތިއްބެވީ ނޭވާފުޅު ހިފަހައްޓަވައިލައްވައިގެންނެވެ. ދުވަހުގެ ނަސީބުވެރި އަދި ޝަރަފުވެރި ކޮމާންޑަރަކަށް އިޢުލާންކުރައްވާނީ ކޮންބޭކަލެއްގެ ނަންފުޅުކަން އެނގިވަޑައިނުގަންނަވާތީއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ކުއްލިޔަކަށް ސުވާލު ކުރައްވައިފިއެވެ. عـلــى بــن أبــى طـالـب ކޮބައިތޯއެވެ؟ އިތުރު ސާހިބާގެ ގަސްދުފުޅު ޞަޙާބީންގެ ހުރިހާ ބޭކަލުންނަށްވެސް ވިސްނިވަޑައިގެންނެވިއެވެ. عـلــى ގެފާނުގެ އާލާސްކަންފުޅު ހުރިގޮތުން އެކަލޭގެފާނު ކޮމާންޑަރ އިން ޗީފްކަމަށް އިންތިޚާބުވެވަޑައިގެންފާނެކަމަކަށް އެއްވެސް ބޭކަލަކު ހީފުޅެއް ނުކުރައްވައެވެ. سَلَمَةُ رضى اللّـه عنــه ވިދާޅުވެފައިވެއެވެ.

"ކުއްލިޔަކަށް އިވުނީ عـلــى ގެފާނުގެ ނަންފުޅެވެ." އެހެން ވެދާނެކަމަކަށް އަހަރެމެން ކުޑަކޮށްވެސް ހިއެއް ނުކުރަމުއެވެ." (ބުޚާރީ، މުސްލިމު)

سَلَمَةُ رضى اللّـه عنــه ދުވެވަޑައިގެންފައި ވަޑައިގެން عـلــى ގެފާނުގެ އަތުޕުޅުގައި ހިއްޕަވައި ދަންމަވަމުންކަހަލަ ގޮތްކޮޅަކަށް عـلــى ގެފާނު ގޮވައިގެން އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ކުރިފުޅުމައްޗަށް ގެންދަވައިފިއެވެ. އޭރުވެސް عـلــى ގެފާނުގެ ލޯފުޅުހުރީ ވަރަށްބޮޑަށް ދުޅަވެފައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ ދަވަފޮދު عـلــى ގެފާނުގެ ލޯފުޅުގައި ތުރުކޮށްދެއްވިއެވެ. ހަމައެވަގުތު عـلــى ގެފާނުގެ ލޯފުޅަށް ފަސޭހަފުޅުވެއްޖެއެވެ. ހީވަނީ އެކަލޭގެފާނަށް ދުވަހަކު ރަމަދުގެ އާލާސްކަންފުޅު ޖެހިވަޑައިނުގަންނަވާހެންނެވެ.

عـلــى ގެފާނަށް ދިދަ ލިބިވަޑައިގެންނެވުމުން ކުރިޔަށް ހިންގަވައިގަންނަވަމުން ސުވާލު ކުރެއްވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ! އަޅުގަނޑު އެބައިމީހުނާ ހަނގުރާމަ ކުރާންވީ އެބައިމީހުން އަޅުގަނޑުމެންނާ އެއްފަދަވެއްޖައުމަށް ދާނދެން (އެބައިމީހުން އިސްލާމްވެއްޖައުމަށް ދާނދެން) ތޯއެވެ؟"

ކައުސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘުކުރެއްވިއެވެ. "އިހަށް މަޑުކުރައްވާށެވެ! ކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގެން އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވާށެވެ! އެބައިމީހުން މާތް اللّـه އަށްޓަކައި އަދާކުރަންޖެހޭ ޙައްޤުގެ މަތީން އެބައިމީހުންނަށް ހަނދާންކޮށްދެއްވާށެވެ!" (ބުޚާރީ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ހަމައެއާއެކު ވަރަށް މުހިންމު އެހެންކަމެއްގެ މަތީންވެސް عـلــى ގެފާނަށް ހަނދާންކޮށްދެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ.

"މާތް اللّـه ގަންދެއްވައި ވިދާޅުވަމެވެ. މާތް اللّـه ކަލޭގެފާނުގެ ސަބަބުން އެންމެ މީހަކަށް ހިދާޔަތު ދެއްވުންވެސް ރަތްކުލައިގެ ޖަމަލުތަކަކަށްވުރެ ކަލޭގެފާނަށް ހެޔޮކަން ބޮޑުވެގެންވެއެވެ." (ބުޚާރީ)

ޝައްކެއްނެތެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ މިބަސްފުޅަކީ ނުހަނު އާދަޔާ ޚިލާފު އަހަންމިއްޔަތެއް ލިބިފައިވާ އިރުޝާދުފުޅެކެވެ. އިސްލާމްދީނުގެ މަޤުޞަދާއި، އެދީނުގެ މިޒާޖާއި ރޫޙު ހުރިގޮތް އެބަސްފުޅުން ރަނގަޅަށް އެނގި ބަޔާންވެއެވެ.

އާދެ، އެއީ ނުރައްކާތެރި ހަނގުރާމައެއްގެ މެދުތެރެއެވެ. ޞަޙާބީން ތިއްބެވީ ބާރުހުރި ދުޝްމިނުންގެ ބައެއްގެ މައްޗަށް ފަތަޙަ ނުހޯއްދެވިގެން އެކަމުގެ ފިކުރުފުޅުގައެވެ. މެދުކެނޑުމެއްނެތި ވިހިދުވަސް ވަންދެން ކޮންމެ ދުވަހަކު ހަނގުރާމަ ކުރައްވައިގެންވެސް ވަނީ ޤަމޫޞު ފަތަޙަ ނުވެފައެވެ. ދުޝްމިނުން ބަލިބުރަވެ ހަތިޔާރު ބެހެއްޓުމުގެ ލިސާނެއްވެސް ފެންނާކަށެއް ނެތެވެ. ޞަޙާބީންގެ ތެރެއިން ނަންފުޅު މަޝްހޫރު އެތައްއެތައް ހެވީންނެއްވަނީ އިސްލާމީ ލަޝްކަރުގެ ޤިޔާދަތުގެ މަގާމު އަދާކުރައްވައިފައެވެ. އިސްލާމީ ލަޝްކަރާއިގެން އެކިއްލާއާ ހަނގުރާމަ ކުރައްވައިފައެވެ. އެކަމަކު އެއިން ކޮންމެ ބޭކަލަކުވެސް އެނބުރިވަޑައިގެންފައިވަނީ މުރާދު ހާސިލު ނުކުރެއްވިއެވެ. މުސްލިމުންނަށްވަނީ ޖާނީ ގެއްލުންތަކެއްވެސް ލިބިފައެވެ. އެހާލަތުގައި މިވަނީ ޚާއްޞަގޮތަކަށް ދުވަހުގެ ކޮމާންޑަރ އިން ޗީފް ޢައްޔަންކުރެވިފައެވެ. އެ ކޮމާންޑަރާ ވަނީ ދުވަހުގެ ވެރިކަން ހަވާލު ކުރައްވައިފައެވެ. ވަގުތަކީ އިސްލާމީ ލަޝްކަރު ހަނގުރާމައިގެ މައިދާނަށް ނުކުތުމުގެ ވަގުތެވެ. އެހެންކަމުން އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަކީ ޢާއްމުކޮށް ދުނިޔެ މިދެކޭ ބާވަތުގެ ވެރިޔެއް ކަމުގައިވީނަމަ ނުވަތަ ޢާއްމު ގިންތީގެ ސްޕްރީމް ކޮމާންޑަރެއް ކަމުގައިވީނަމަ ދުވަހުގެ ކޮމާންޑަރަށް ދެއްވީހީ ޢަސްކަރީ އިރުޝާދުތަކެވެ. ވިދާޅުވެދެއްވީހީ ހަނގުރާމައިގެ ފަންނުގެ އުކުޅުތަކެވެ. އެންގެވީހީ "ފިސާރި ސާބިތުކަމާއެކު ވަރުގަދަޔަށް ހަނގުރާމަ ކުރައްވާށެވެ. މުސްލިމުންގެ މުލައްދަނޑީގައި ބާރު އެބަހުރިކަން ދުޝްމިނުންނަށް ދައްކަވާށެވެ. ދުޝްމިނުންގެ ޢަސްކަރީ ބާރު ފުނޑުފުނޑުކޮށްލައްވާށެވެ." ދުންޔަވީ ނަޒަރުން ބަލާއިރު އެފަދަ ދަނޑިވަޅަކާ އެކަށީގެންވަނީ މިދެންނެވިފަދަ އިރުޝާދުތަކެވެ. އެކަމަކު އަރަހުށި މާތް اللّـه އިސްލާމްދީނުގެ ނަބިއްޔާ ފޮނުއްވީ އިންސާނިއްޔަތަށްހުރި ރަޙުމަތެއް ކަމުގައެވެ. އިންސާނުންނަށް ހެވާއި ލާބަހުރި މަގުތަކަށް ހިދާޔަތު ދެއްވުމަށްޓަކައެވެ. އެހެންކަމުން އެމާތް ސާހިބާ ހުވާގެ ޢިބާރާތް ބޭނުންކުރައްވައި ބަސްފުޅު ވަރުގަދަ ކުރައްވަމުން ދުވަހުގެ ކޮމާންޑަރަށް އެންގެވީ ދުޝްމިނުންނަށް ތެދުމަގަށް ގޮވައިލެއްވުމަށެވެ. މާތް اللّـه އަށްޓަކައި އެބައިމީހުން އަދާކުރާން ޖެހިފައިވާ ޙައްޤުގެ މަތީން އެބައިމީހުންނަށް ހަނދާންކޮށްދެއްވުމަށެވެ. ކޮމާންޑަރަށް އެންގެވީ އެކަލޭގެފާނުގެ ސަބަބުން އެންމެ މީހަކަށް ތެދުމަގު ފެނުންވެސް ރަތްކުލައިގެ ޖަމަލުތަކެއް ލިބިވަޑައިގެންނެވުމަށްވުރެ ހެޔޮކަން ބޮޑުކަމެވެ. ޖަމަލަކީ ޢަރަބީންގެ ތެރޭގައި ވަރަށް ޚާއްޞަ އެއްޗެކެވެ. އެއީ މުއްސަނދިކަމުގެ ނިޝާނެކެވެ. ޚާއްޞަކޮށް ރަތްކުލައިގެ ޖަމަލަކީ ވަރަށް އަގުބޮޑު މުދަލެކެވެ. ޝައްކެއްނެތެވެ. މިއީ ރަޙުމަތުގެ ނަބިއްޔާގެ ޝަޚުޞިއްޔަތަށް ފާޑުކިޔާ މީހުން މަޑުޖެހިލައި ވިސްނައިލަންޖެހޭ ކަމެކެވެ. މިއީ ދުނިޔެ ދެކެފައިވާ އެހެން އެއްވެސް ފާތިޙެއްގެ ނުވަތަ މުޞްލިޙެއްގެ ޝަޚުޞިއްޔަތުން ނުފެންނާނެފަދަ ހިތަށް ފިނިކަންގެނުވާ ނަމޫނާއެކެވެ. ރޫޙު ދިރުވާ ނަމޫނާއެކެވެ.

ބަޔާންވެދިޔަ ނަބަވީ އިރުޝާދުން އެނގޭގޮތުގައި ހަނގުރާމަޔަކީ އިސްލާމްދީނުގައި އިސްކަންދޭ ކަމެއް ނޫނެވެ. މުސްލިމުން ހަނގުރާމަކުރީ އެބައިމީހުންނަށް ހަނގުރާމަކުރަން މަޖުބޫރުވުމުންނެވެ. ހަނގުރާމަނުކޮށް ފަރުޖެހެން ނެތުމުންނެވެ. އިސްލާމްދީން އެދެނީ މާތް اللّـه ގެ އެންމެހައި އަޅުތަކުން އެދީނުގެ ރަޙުމަތުގެ ހިޔާވަހިކަމުގެ ދަށަށް އައުމެވެ. އެކަމަކު އެކަމަށްޓަކައި ކުޑަކޮށްވެސް މަޖުބޫރުކަމެއް ދައްކާކަށެއް އެދީން ނުރުހެއެވެ. ޣައިރު މުސްލިމުން އިސްލާމްދީނުގެ ދާއިރާއަށް ވަނުމަށް އެދީން އެދެނީ ހަމައެކަނި އުނގަންނައިދިނުމާއި ތެދުމަގަށް ގޮވައިލެވޭ ގޮވައިލެވުމުގެ ޒަރީޢާއިންނެވެ. އިންސާނުންގެ އަމިއްލަ މިނިވަންކަމާއި އިޚުތިޔާރުގައެވެ. އެދީނުގެ ދަޢުވަތު އެމީހަކާ ހަމަޔަށް ފޯރުމުން ބޭނުން މީހަކު ގަބޫލުކުރަންވީއެވެ. ބޭނުން މީހަކު ގަބޫލުނުކޮށް ރައްދުކުރާންވީއެވެ. އެއްވެސް މީހަކު ތިމާގެ ޢަޤީދާ އަނެކަކުލައްވައި ގަދަބާރުން ގަބޫލުކުރުވާކަށެއް އިސްލާމްދީން ނޭދެއެވެ. ހަމައެފަދައިން ދީނީ ދަޢުވަތު ފެތުރުމުގެ މަގަށް ހުރަހެއް އެޅޭކަށެއްވެސް އެދީން ނޭދެއެވެ. (މިދެންނެވީ މުސްލިމު އާބާދީއެއްގައި ޣައިރުދީނަށް ދަޢުވަތު ދިނުމުގެ ވާހަކައެއް ނޫނެވެ. މުސްލިމަކަށް ހުރެފައި މުރުތައްދުވުމުގެ ވާހަކައެއްވެސް ނޫނެވެ.) މުސްލިމުން ހަނގުރާމަކުރަނީ އަނެކުން އަޅުވެތިކުރާ މީހުނާ ދެކޮޅަށެވެ. ތިމާގެ އަމިއްލަ ރުހުމާއި އިޚުތިޔާރުގައި މަސައްކަތްކުރަން ހުރަސްއަޅާ މީހުނާ ދެކޮޅަށެވެ.

އިސްވެދިޔަ ތާނގައި ބަޔާންކޮށްފައިވާ ނަސޭހަތްޕުޅަކީ ހަނގުރާމައިގެ ޙާލަތެއްގައި ކައުސާހިބާގެ ދޫފުޅުމައްޗަށް ކުއްލިޔަކަށްއައި ބަސްފުޅެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އެމާތް ސާހިބާގެ ވިސްނުންފުޅުގައި އަބަދުވެސް އެކަން އޮންނަ ގޮތެވެ. އެމާތް ސާހިބާ ގެންދެވީ ތަކުރާރު ކުރައްވައި އެ އިރުޝާދު ދެއްވަމުންނެވެ. އޭގެ އެތަކެއް މިސާލުތަކެއް ދެއްކިދާނެއެވެ. އަޅުގަނޑު އެދެނީ މިފަދަ އެންމެ މިސާލެއް ދަންނަވާލުމުގެ މައްޗަށް ފުއްދައިލާށެވެ. ކައުސާހިބާގެ އަރިހުގައި ނުހަނު ލޮބުވެތި ޞަޙާބީއެއް ކަމުގައިވާ معــاذ بــن جـبــل رضى اللّـه عـنــه އާ މުޚާޠަބު ކުރައްވައި އެއްފަހަރަކު ޙަދީޘު ކުރެއްވިއެވެ.

يَـا مُعَــاذُ، اَنْ يَــهُــدِيَ اللّـه عَـلَـى يَـدَيْـكَ رَجُـلاً مِّــنْ أَهُــلِ الشِّــرْكِ خَـيْــرٌ لَّـكَ مِــنْ اَنْ يَـكُــوْنَ لَـكَ حُـمُـــرِالـنَّــعَـــمِ

"އޭ معــاذ އެވެ! މުޝްރިކުންގެ ތެރެއިން އެންމެ މީހަކަށް ކަލޭގެފާނުގެ އަތްޕުޅުމަތީގައި ތެދުމަގު ފެނުންވެސް ކަލޭގެފާނަށްޓަކައި ރަތްކުލައިގެ ޖަމަލުތަކަކަށްވުރެ ހެޔޮކަން ބޮޑެވެ." (މުސްނަދު އަޙްމަދު)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މިމަތިވެރި ބަސްފުޅުން ޢައްޔަންކޮށް އެދެއްވީ މުސްލިމެއްގެ މަސައްކަތުގެ ޙަޤީޤީ އަމާޒެވެ. އާދެ. އެއީ މާތް اللّـه ގެ އަޅުތަކުންކުރެ ތެދުމަގުން އެއްކިބާވެ އަނދިރީގެ ތެރޭގައި ގަނަތެޅެމުންދާ މީހުންނާ ހަމަޔަށް ހެޔޮކަމުގެ ދަޢުވަތު ރައްދުކުރުމެވެ. އެބައިމީހުން ކުފުރާއި ޝިރުކުން ތައުބާވެ މާތް اللّـه ގެ ހެޔޮލަފާ ރަނގަޅު އަޅުންކަމުގައިވުމަށްޓަކައެވެ. ޝައްކެއްނެތެވެ. އަޅުގަނޑުމެން ކުރާ ހުރިހައި މަސައްކަތްތަކެއްގެ ނަތީޖާއިން އެންމެ މީހަކަށް ތެދުމަގު ފެނުމުގެ ނަސީބު ލިބުނުކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެލިބެނީ ރަތްކުލައިގެ ޖަމަލުތަކަކަށްވުރެވެސް މާއަގުބޮޑު މުއްސަނދިކަމެކެވެ.

(ނިމުނީ)