ސިވިލް ކޯޓުން ކުރި އަމުރާ ގުޅިގެން ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ދީފައިވާ ހުއްދަ ޓޫރިޒަމް މިނިސްޓަރީން ބާތިލުކޮށްފިއެވެ.
ފްރާންސްގެ ސޭވް ދަ ޑްރީމްގެ ވަކީލު ނާޒިމު އަބްދުއްސައްތާރު "ވަން" އަށް މިރޭ ވިދާޅުވީ ރިހިވެލި ރިސޯޓު ހިންގަން އެ ކުންފުންޏަށް ދީފައިވާ ލައިސެންސް ޓޫރިޒަމް މިނިސްޓްރީން މިއަދު ބާތިލު ކޮށްފައިވާ ކަމަށެވެ. ލައިސެންސް ބާތިލުކޮށްފައި ވަނީ މާހަލް ޓުއާސްއިން ސަބްލީސް އެގްރީމެންޓު ބާތިލު ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މަހާނައެޅިހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާއެކު މާހަލް އިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާހަލް އިން ބާތިލު ކުރި މައްސަލައިގައި ސޭވް ދަ ޑްރީމުން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ނިންމާފައި ވަނީ އެ އެގްރީމެންޓް ބާތިލް ކުރީ ރަނގަޅަށް ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ސަބްލީސް އެގްރީމެންޓުގެ ދަށުން ދައްކަންޖެހޭ ކުލި، އެއްބަސްވުމާ އެއްގޮތަށް މާހަލް އަށް ދައްކާފައިވާކަން ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ޝަރީއަތަށް ސާބިތުކޮށްދޭން ކާފީ ހެއްކެއް ހުށަހެޅިފައިނުވާ އިރު، އެއްބަސްވުމާ އެއްގޮތަށް ސަބްލީސް ކުލި ނުދައްކާކަން ސޭވް ދަ ޑްރީމް ފްރާންސްގެ ބަހުންވެސް އެނގެން އޮތް ކަމަށެވެ.
އެހެންކަމުން ކުލި ނުދެއްކުމަކީ އެ އެގްރީމެންޓް ބާތިލުކުރުމުގެ ހައްގު މާހަލްއަށް ލިބިގެންވާ ކަމެއް ކަމަށާއި ކުލި ދެއްކުމަކާ ނުލައި އެ އެގްރީމެންޓުގެ ދަށުން ލީސް ކުރެވިފައިވާ ތަނަކުން މަންފާ ހާސިލުކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ލިބިގެންނުވާ ކަމަށްވެސް އަމުރުގައިވެއެވެ.
އަމުރުގައި އިތުރަށް ބުނެފައި ވަނީ، މާހަލްއިން ސަބްލީސް އެގްރީމެންޓް ބާތިލު ކުރީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން މާހަލްގެ ނުރުހުމުގައި ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެތަނުން މަންފާ ހާސިލުކުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށްވެސް އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު