ޚަބަރު

ބަރުލަމާނީ ޕެޓިޝަނުގައި 50،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

1

ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ޕެޓިޝަނުގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ސޮއިކުރަން ފެށި އެ ޕެޓިޝަނުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ކުރިއަށް އެބަދެއެވެ.

"ދެން އެބަހުރި ކައުންޓު ނުކުރެވި އަތޮޅު ތެރެއިން ލިބުނު ފޯމުތައް. ރޭގައި އަޅުގަނޑުމެން ބޭއްވި އިވެންޓު ތެރެއިން އަޅުގަނޑުމެންނާ ހަވާލުކުރި އުތުރުގެ ފޯމު ސެޓާއި މާލެ ސަރަހައްދުގެ ފޯމު ސެޓުތަކަކާއި ދެކުނު ފޯމު ސެޓުތަކެއް. އޭގެ ތެރޭގައިވެސް އެބައުޅޭ ގިނަ އަދަދަކަށް ފޯމު. މިވަގުތު ލިބިފައި ހުރި ސޮއިގެ ސީދާ އަދަދު ދަންނަވާކަށް ނޭނގެ. ކައުންޓު ކުރެވިފައި ހުރި އަދަދު 50،000 އިން މަތި،" ނިޝާން "ވަން" އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕެޓިޝަނުގައި މަޖިލީހުގެ 17 މެންބަރަކު ސޮއިކުރައްވާފައިވާ އިރު، ސަރުކާރުގެ އިސް ފަރާތްތަކާއި ކުންފުނިތަކުގެ އިސްފަރާތްތައްވެސް ޕެޓިޝަނުގައި ސޮއިކުރަމުންދާ ކަމަށެވެ. އަދި އަމާޒު ކުރީ އެއް ލައްކަ ސޮއި ހަމަކުރުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަން ހުށަހަޅަން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އުންމީދު ކުރިވަރަށް ވުރެ އިތުރަށް ޕެޓިޝަނުގައި މީހުން ސޮއި ކުރަމުންދާތީވެ، އިތުރަށް ސޮއި ހޯދުމަށް މަސައްކަތް ކުރަން ޖެހިދާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.