ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުންދޭ 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށް ޓަކައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ލޯނު އެހީގެ އެއްބަސް ވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މިލޯނު އެހީ ރާއްޖެއަށް ފޯރުކޮށްދޭ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ، ނުވަތަ އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑެވެ.
ސްޕޯޓްސް އިންފްރާންސްތްރަކްޗާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މާލެ އާއި އަތޮޅުތަކުގައި މިހާރު ހުރި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމާއި އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މި ލޯނު އެހީގައި ކުރާނެ އެވެ. އޭގެ ތެރޭގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމާއި، ގައުމީ ވޮލީ އަދި ބާސްކެޓް ބޯޅަ ކޯޓުތައް ތަރައްގީ ކުރުމާއި، ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްގީ ކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކުރުން ހިމެނެއެވެ.
ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އިންޑިއާ އިން 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާ އިން ވަނީ އެތައް ގޮތަކުން އެހީވެދީފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ދީފައިވާއިރު، މާލޭ އެކުވެނި ދުވާ ޓްރެކުވެސް ތަރައްގީ ކުރީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް