ދުނިޔެ

ކޮވިޑް ސީ.2.1 ނުރައްކާ އޮތީ ކިހާ ވަރަކަށް؟

ކޮވިޑްގެ އެންމެ ނުރައްކާތެރި ވޭރިއަންޓް ކަމަށްވާ ސީ.2.1 އަކީ މިހާތަނަށް ފެނުނު އެންމެ ބާރު ގަދަ ކޮވިޑުގެ ވޭރިއަންޓު ކަމަށް ސައިންސްވެރިން ބުނެއެވެ.

އެންމެ ފުރަތަމަ މި ވޭރިއަންޓް މި އަހަރުގެ މެއި މަހުގެ ތެރޭގައި ސައުތު އެފްރިކާއިން ފެނިފައިވާއިރު، ރަސްމީކޮށް ރިޕޯޓުކޮށްފައި ވަނީ ޖުލައިމަހުގެ ތެރޭގައެވެ.

މި ވޭރިއަންޓު އުފަން ވެގެން އައިސްފައިވަނީ ސައުތު އެފްރިކާގައި ކޮވިޑުގެ ފުރަތަމަ ރާޅުގެ ފަހަތުގައިވާ ސީ.1 އިންނެވެ. މެއި މަހުގެ ތެރޭގައި ސައުތު އެފްރިކާގައި ހަރަކާތްތެރި ވި ޓީމުން ހެދި 1054 ޖެނޯމް ސީކުއެންސުން 0.2 ޕަސެންޓް ސާމްޕަލްގެ ތެރެއިން ސ.2.1 ވޭރިއަންޓް ވަނީ ފެނިފައެވެ. އަދި ޖޫން މަހުގެ ތެރޭގައި ޓެސްޓު ކުރިއިރު 2177 ސާމްޕަލްގެ ތެރެއިން 1.6 ޕަސެންޓަށް މި އަދަދު މަތިވެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ނެގި 1326 ސާމްޕަލްގެ ތެރެއިން މިއަދަދު ވަނީ 2 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. މިއީ ސައުތު އެފްރިކާ އަދި އިންޑިއާގައި ހަލުވިކަމާއެކު ފެތުރިގަތް ކޮވިޑުގެ ބީޓާ އަދި ޑެލްޓާ ވޭރިއަންޓް ފުރަތަމަ ފާހަަކުރެވިގެން އައިސްފައިވާ ގޮތާ އެއްވައްތަރު ގޮތްތަކެއް ކަމަށް މި ދިރިސާ އެކުލަވާލި ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި ވޭރިއަންޓަކީ އަދި ދުނިޔެ ކަންބޮޑުވާން ޖެހޭ ދަރަޖައިގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ވޭރިއަންޓެއް ނޫނެވެ. ޑަބްލިއުއެޗްއޯ އިން ވައިރަސްގެ ނުރައްކާ ކަނޑައަޅަނީ ދެ ދަރަޖައަކަށް ބަހާލައިގެންނެވެ. ކޮރޯނާ ވައިރަސްގެ އެތައް ވޭރިއަންޓުތަކެއް ދުނިޔެއަށް އުފަން ވަމުން ދާއިރު އޭގެ ނުރައްކާ ޑަބްލިއުއެޗްއޯ އިން ދަރަޖަ ކުރަނީ ވޭރިއަސް އޮފް އިންޓަރެސްޓް އަދި ވޭރިއަސް އޮފް ކޮންސާން އަށް ބަހާލައިގެންނެވެ. ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓުތައް ކަމަށްވާ ޑެލްޓާ، ބީޓާ، ގެމާ އަދި އަލްފާ އަކީ ވޭރިއަންޓް އޮފް ކޮންސާން ކަމަށް ކަނޑައަޅާފައިވާއިރު އީޓާ، އައޯޓާ، ކެޕާ، ލަމްބްޑާ އަދި މޫގެ ވޭރިއަންޓުތަކަކީ ވޭރިއަންޓް އޮފް އިންޓަރެސްޓްގެ ދަރަޖައިގައިވާ ވޭރިއަންޓު ތަކެކެވެ.

ސީ.2.1 އަކީ މިއިން އެއްވެސް ދަރަޖައެއްގައި އަދި ހިމަނާފައި ނުވާ ވޭރިއަންޓެކެވެ. ނަމަވެސް މި ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައިވަނީ ވައިރަހަށް ބަދަލު އައުމާއި ބާރު ގަދަވުމުގެ ފުރުސަތު ނުވަތަ މިއުޓޭޓުވުމުގެ ފުރުސަތު ބޮޑުތަނުން އިތުރުކޮށްދޭތީ އެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން މިވޭރިއަންޓަށް އަހަރެއްގެ ތެރޭގައި 41.8 ފަހަރު މިއުޓޭޓުމުގެ ބާރު ލިބިގެންވާ ކަމަށް ވަނީ ދައްކާފައެވެ. މިއީ މިހާތަނަށް ފެނުނު އެހެނިހެން ވޭރިއަންޓުތަކާ އަޅައިބަލާއިރު ދެގުނަ ބާރު އަދި ހަލުވި މިނެކެވެ. އަދި އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 ވައިރަސް އަށްވުރެ 59-40 ފަހަރު އިތުރަށް ވަނީ މިއުޓޭޓުވެފައި ވެއެވެ.

މިހާތަނަށް މި ވޭރިއަންޓް ފެނިފައިވަނީ ސައުތު އެފްރިކާގެ އިތުރުން ޗައިނާ، ކޮންގޯ، މޯރިޝަސް، އިންގްލެންޑް، ނިއުޒީލެންޑު، ޕޯޗުގަލް އަދި ސުވިސްލޭންޑުންނެވެ.

ކޮވިޑާ ދެކޮޅަށް ވެކްސިން އުފައްދައި ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެމުން އައިސްފައިވީ ނަމަވެސް ވައިރަހާ ދެކޮޅަށް ވެކްސިނަކީ ހަމައެކަނި އޮތް ހައްލުގެ ގޮތުގައި ނިންމެން ނެތް ކަމުގައި ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް ކޮވިޑުގެ މިފަދަ ނުރައްކާތެރި ވޭރިއަންޓްތަކުން ދިފާއު ވުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުން މުހިއްމު ކަމަށާއި ވެކްސިންގެ އިތުރުން ގައިދުރުކުރުމާއި އަތް ދޮވުން އަދި ސާފުތާހިރުކަން އަބަދުވެސް ގެންގުޅުމަކީ މުހިއްމު ކަމެއް ކަމުގައި ވެސް ސިއްހީ މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ.