ރިހިވެލި ރިސޯޓަށް އަރައި ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި ކޯޓު އަމުރާ ހިލާފަށް އެ ރަށުގައި ތިބީ ސޭވް ދަ ޑްރީމްގެ އިސް ފަރާތްތައް ކަމަށް ރިހިވެލި ރިސޯޓް ހިންގާ ރަށް، ކ. މަހާނައެޅިހުރާ ދޫކޮށްފައިވާ ކުންފުނި، މާހަލް ޓުއާސްއިން ބުނެފިއެވެ.
ރިހިވެލި ރިސޯޓަށް ބަޔަކު އަރައި، ހަމަނުޖެހުން ހިންގާ ކަމަށް ރިޕޯޓް ކުރުމުން ފުލުހުން އަންނަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުންނެވެ.
އެކަމާ ގުޅިގެން މާހަލް ޓުއާސްގެ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ، އެ ރިސޯޓަށް އަރައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާނެ ކަމަށާއި އެ ރިސޯޓަށް ދިޔައީ ކޯޓުން އަމުރުކުރި ގޮތަށް އެރަށުން އެމީހުން ބޭލުމަށް ކަމަށެވެ. ނަމަވެސް އެރަށުން އެމީހުން ފޭބުމަށް ދެކޮޅު ހަދަމުންދާ ކަމަށް ވިދާޅުވިއެވެ.
"ކޯޓުން އަމުރުކޮށްފައި އެ އޮތީ މި ރިސޯޓް އަޅުގަނޑުމެންނާ ހަވާލުކުރަން. އެކަމަކު އެމީހުން އެކަން ކުރާކަށް ބޭނުމެއް ނުވޭ،" އޮފިޝަލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް އެކުންފުނީގެ ލީގަލް ޓީމުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ފުލުހުންނާ ގުޅިގެން ހަމަނުޖެހުމަކަށް ނުދާނެ ގޮތަށް މައްސަލަ އެންމެ ރަނގަޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިނުވާ ކަމަށް ބުނެ، ފުލުހުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވިއެވެ.
މަހާނައެޅިހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމާ އެކު މާހަލް އިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާހަލް އިން ބާތިލުކުރި މައްސަލައިގައި ސޭވް ދަ ޑްރީމުން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. މިއަދު ސިވިލް ކޯޓުން ނިންމާފައި ވަނީ އެ އެގްރީމެންޓް ބާތިލް ކުރީ ރަނގަޅަށް ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ސަބްލީސް އެގްރީމެންޓުގެ ދަށުން ދައްކަންޖެހޭ ކުލި، އެއްބަސްވުމާ އެއްގޮތަށް މާހަލް އަށް ދައްކާފައިވާކަން ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ޝަރީއަތަށް ސާބިތުކޮށްދޭން ކާފީ ހެއްކެއް ހުށަހެޅިފައިނުވާ އިރު، އެއްބަސްވުމާ އެއްގޮތަށް ސަބްލީސް ކުލި ނުދައްކާކަން ސޭވް ދަ ޑްރީމް ފްރާންސްގެ ބަހުންވެސް އެނގެން އޮތް ކަމަށެވެ.
އެހެންކަމުން ކުލި ނުދެއްކުމަކީ އެ އެގްރީމެންޓް ބާތިލުކުރުމުގެ ހައްގު މާހަލްއަށް ލިބިގެންވާ ކަމެއް ކަމަށާއި ކުލި ދެއްކުމަކާ ނުލައި އެ އެގްރީމެންޓުގެ ދަށުން ލީސް ކުރެވިފައިވާ ތަނަކުން މަންފާ ހާސިލުކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ލިބިގެންނުވާ ކަމަށްވެސް އަމުރުގައިވެއެވެ.
އަމުރުގައި އިތުރަށް ބުނެފައި ވަނީ، މާހަލްއިން ސަބްލީސް އެގްރީމެންޓް ބާތިލު ކުރީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން މާހަލްގެ ނުރުހުމުގައި ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެތަނުން މަންފާ ހާސިލުކުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށްވެސް އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު