ހިޔާ މަޝްރޫއުގެ ޓަވަރުތަކުގެ ތެރެއިން މާދަމާ ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ފަހު ދެ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ހިޔާ ޓަވަރުތަކުގެ ތެރެއިން މާދަމާ ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނީ ތިން ވަނަ ޓަވަރާއި ހަތަރު ވަނަ ޓަވަރަށެވެ. މި ދެ ޓަވަރަށް ކަރަންޓު ދީ ނިމުމުން، ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓު ދެވުނީއެވެ.

ސްޓެލްކޯ އިން ބުނީ، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެ ޓަވަރުން ފުލެޓު ލިބިފައިވާ މީހުން ހާޒިރުވާންޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ. އަދި އެމީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފުލެޓުގެ ތަޅުދަނޑިއާ އެކު، ޓަވަރަށް ދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މި މަހުގެ 20 ވަނަ ދުވަހުވެސް ޓަވަރު ތިނެއް އަދި ހަތަރަކަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ކަރަންޓު ނުދެވުނީ ދެ ޓަވަރުގެ ލިފްޓުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުންނެވެ.

ސްޓެލްކޯ އިން ބުނީ، ބައެއް ސަބަބުތަކާ ހުރެ ކަނޑައެޅި ދުވަހަށް ކަރަންޓުގެ ހިދުމަތް ހޯދަން ހާޒިރު ނުވެވުނު ކަސްޓަމަރުންގެ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.