މާލޭ ކައިރީގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކުނިކް އައިލެންޑެއް ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިން ހިއްކުމުގެ މަޝްރޫއުއަށް ތައްޔާރުކުރެވޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމަށް ބޭނުންވާ މައުލޫމާތުވެސް އެއްކުރާނެ ކަމަށެވެ. އެ މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓަކީ އެމްޓީސީސީއެވެ.
މި މަޝްރޫއުގެ ދަށުން މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކުނިކު އައިލެންޑަކާއި ސޭންޑް ބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.
ހައުސިން މިނިސްޓްރީން ބުނީ، ދެރަށުގެ ބިން ހިމާޔަތް ކުރުމަށް ގްރޮއިންއާއި ރިވެޓްމަންޓް ޖަހާނެ ކަމަށާއި އަދި އެ މަޝްރޫއަށް ބޭނުންވާ ވެލި ނަގާނީ ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކަށް މިހާރުވެސް ވެލި ނަގަމުން އަންނަ މާލެ އަތޮޅު އެތެރެވަރިން ކަމަށެވެ. މި މަޝްރޫއަށް ޖުމުލަ 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށްވެސް ބުންޏެވެ.
މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. މީގެ ކުރިން ޕިކުނިކު އައިލެންޑެއްގެ ގޮތުގައި، އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ހަމަޖައްސައި އެ ރަށް ތަރައްގީކުރާނެ ގޮތާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށްވެސް ހުޅުވާލިއެވެ. އޭގެ ކުރިން ސަރުކާރުން ވަނީ ދިޔަނެރު ފަޅުގައިވެސް ޕިކުނިކު އައިލެންޑެއް ތަރައްގީކުރަން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު