މާލެ ސަރަހައްދުގެ ކޮވިޑުގެ ހާލަތު ރަނގަޅުވުމާ ގުޅިގެން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނި ނަގަމުންދާނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރިން ކަމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުން ދިއުމާއި ގުޅިގެން އެ ކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނި ނަގާނީ އެ އިމާރާތެއް އެންމެ ތިރިންނެވެ. އަދި ކުނި ނެރެން ޖެހޭ ގަޑިއަކީ އިރުއޮއްސި 6:00 އާއި ރޭގަނޑު 7:00 އާ ދެމެދުގައެވެ.
ވެމްކޯ އިން ބުނީ ކުނި ނަގަމުން ދާނީ އިމާރާތުގެ އެތެރޭގެ އެންމެ ތިރީ ފަންގިފިލާ އިން ކަމަށާއި އެހެންކަމުން ކަނޑައަޅާފައިވާ ގަޑިތަކުގައި ކުނިތައް ބޭރުކޮށް ފަސޭހައިން ނެގޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. ކުނި ނެގުމަށް އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރި ވާނީ ރޭގަނޑު 8:00 އިން 11:00 އާ ދެމެދު ކަމަށްވެސް ބުންޏެވެ.
އެހެންކަމުން އަންނަ މަހުގެ 15 ވަނަ ދުވަހަށްފަހު އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެމްކޯގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓަރީ ކުރުމަށްވެސް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު