އަހަރެމެން ވަށައިގެން އެކި މިޒާޖުގެ މީހުން ދިރިއުޅެއެވެ. އެއްބަޔަކު ގިނައިން ވާހަކަދައްކައި ހީ ސަމާސާ ކުރާހިތްވާއިރު، ބައެއް މީހުންނަކީ ވާހަކައިގެ ހުރިހާ ސަމާލުކަން އޭނާއަށް ހުއްޓެެން ބޭނުންވާ މީހުންނެވެ. އަނެއް ބަޔަކީ މީހުންނާ އެކަހެރިކޮށް ނުވަތަ ބަސްމަދުކޮށް ވީހާވެސް ދުރުދުރުން އުޅެން ބޭނުންވާ މީހުންނެވެ.

ބަސްމަދު ނުވަތަ ތިމާއަށް އެހެން މީހުންގެ ސަމާލުކަން ހުއްޓެން ބޭނުންވާ މީހުންނަށް ''އިންޓްރޯވާޓްސް'' އޭވެސް ބުނެވެއެވެ. މި މިޒާޖުގެ މީހުންނަކީ ފޮނި، ބޮޑާ ބައެއްގޮތުގައި ބައެއް މީހުން ސިފަކުރި ނަމަވެސް އެއީ ކުށްހީއެކެވެ. އިންޓްރޮވާޓުންނަކީ ދިރިއުޅުމާއި މީހުންނާ ތަފާތު ގޮތަކަށް ކުރިމަތިލާ ބައެއް ނަމަވެސް، ގިނަބަޔަކަށް އެމީހުންގެ މިޒާޖު ނަގައެއް ނުގަނެވެ އެވެ. މި ބަލައިލަނީ އެފަދަ މީހުން ބުނެދޭން ބޭނުންވާ 5 ކަމެއްގެ މައްޗަށެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި މަޑުމައިތިރިކަން ހިޔާރުކުރަނީ ލަދުގަންނާތީއެވެ. ލަދުގަތުމާއި، މީހުން ތެރޭގައި އުޅުމަށް ޖެހިލުންވުމާއި އެކަހެރިކަމަށް ލޯބިކުރުމާއި ގުޅި ލާމެހިފައިވީނަމަވެސް، އެކަހެރިކަމަށް ލޯބިކުރާ އެންމެން އެކަން ކުރަނީ މީހުންތެރޭ އުޅުމަށް ބިރުގަންނާތީ އަދި ލަދުގަންނާތީ ނޫން ކަމަށް އެފަދަ މީހުން ބުނެއެވެ. ގިނަފަހަރަށް މި މިޒާޖުގެ މީހުން އެކަހެރިކަން ހިޔާރުކުރަނީ، އަނެކާ ރަނގަޅަށް އެނގި ދަސްވާން ވަގުތު ބޭނުންވާތީއެވެ.

އިންޓްރޯވާޓުންނަކީ މީހުން ދައްކާ ވާހަކަ އަޑު އަހާ ހިތްވާ ބައެކެވެ. މީހުންގެ ތެރޭގައި މިފަދަ މީހަކު ތިބާއާ ވާހަކަ ދައްކަން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އޭނާއާ ގިނައިން ވާހަކަ ދެއްކުން މުހިއްމެވެ. އެފަދަ މީހަކު މުއާމަލާތް ކުރުމުގައި އެންމެ ކުރުކޮށް ޖަވާބު ދިން ނަމަވެސް، އޭނާ ތިބާގެ ވާހަކައަށް ޝައުގުވެރިވެ އަޑު އަހަން ބޭނުންވެއެވެ. މި މިޒާޖުގެ މީހުން އެމީހުންގެ އަމިއްލަ ވާހަކަ ދެއްކުމަށްވުރެ އަނެކާގެ ވާހަކަ އަޑުއަހަން ބޭނުންވެއެވެ.

މީހުން ތެރޭގައި ހީ ސަމާސާކޮށް ނެހެދި ނަމަވެސް، އިންޓްރޯވާޓުންނަކީ ވެސް ދިރިއުޅުމުގައި މަޖާކޮށް ހަދާ ބައެކެވެ. ބައެއް ހާލަތްތަކުގައި އެކަހެރިވެ އިނދެ، ހޭލަމޭލަވާ މާހައުލާއި އިވެމުންދާ އަޑުތަކަށް ސަމާލުކަންދީ އެފަދަ މީހުންނަށް ހިތްހަމަޖެހުން ގެނުވައެވެ. ވަށައިގެންވާ މާހައުލާއި މީހުން އެނގި ދަސްކުރުމަށް މިފަދަ މީހުން ޝައުގުވެރިވެއެވެ.

ބިޒީ ދުނިޔޭގައި، ދުވަހެއް ފެށިގެން ނިމޭ ކޮންމެ ދުވަހަކު ހިނގާ ކަންތައްތަކުން ބޯ ހަމަޖައްސާލައި ހަމަ ނޭވާއެއް ލުމަށް އެކަހެރިކޮށް ވަގުތުކޮޅެއް ހޭދަކޮށްލުން މި މިޒާޖުގެ މީހުންނަށް ވަރަށްވެސް މުހިއްމެވެ. އެކަމަށް ޓަކައި ބައެއް މީހުންނަށް މަދު މިނިޓު ކޮޅަކުން ފުދޭއިރު އަނެއްބަޔަކަށް އެތައް ވަގުތުތަކެއް އެކަހެރިކޮށް ބޭނުންވެ އެވެ. މި މިޒާޖުގެ މީހުންނަށް އެކަނި އިނދެ ކުރެވޭ ކަންތައްތައް މިސާލަކަށް، ވާހަކައެއް ކިޔާލުން، ކުރެހުން، ލިޔުން އަދި ލަވައެއް އަޑު އަހާލުން ފަދަ ކަންތައްތަކުން ސިކުނޑި ތާޒާކޮށްދީ ސްޓްރެސްވުމުން ދުރުކޮށްދެއެވެ.

ގިނަ އިންޓްރޮވާޓުން ބުނާގޮތުގައި މުދައްރިސުންނާއި ބޮޑެތި މީހުން އެމީހުންގެ މިޒާޖު ''ރަނގަޅު'' ކުރުމަށް ކަމަށް ބުނެ އުނދަގޫ މާހައުލުތަކަށް ނެރުވުމަށް މަޖުބޫރު ކުރުވައެވެ. މާބޮޑަށް ލަދުގަތުމާއި މީހުން ތެރޭ އުޅެން ޖެހިލުން ވުން ހައްލުކުރުމަކީ މުހިއްމުކަމެއް ނަމަވެސް އެފަދަ ކަންތައްތަކަށް ނެރެން ވާނީ ވަރަށް ވިސްނައިގެން މަޑުމަޑުންނެވެ. އަދި މީހުންގެ ތެރޭގައި އުޅުމަށް ބޭނުން ނުވާ މީހުންގެ އެފަދަ މައްސަލައެއް ''ހައްލު'' ކުރުމަށް ކަމަށް ބުނެ، ނެރުމުން އޭގެން ގިނަ ފަހަރަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ.

މުހިންމީ މި ފަދަ މީހުންނަކީ އަހަރެމެންގެ ތެރެއިން މުހިންމު ބައެއްކަން ދެނެގަތުމެވެ. ހަމަ އެހެންމެ އެމީހުންގެ އިހުސާސްތަކާއި އެމީހުންގެ އެދުންތައް ދެނެގަނެ އެކަންކަމަށް އިހުތިރާމު ކުރުމެވެ. އެއްވެސް ހާލެއްގައި އެއީ އުނި ނުވަތަ ކަމުނުދާ ބައެއް ކަމަށް ހީ ނުކުރުމެވެ.