ޖިނާއީ މައްސަލަތަކުގައި ގޭގެ އާއި ވެހިކަލްތަކުގައި ކެމެރާ ހަރުކޮށް، ތުހުމަތު ކުރެވޭ މީހުން ދައްކާ ވާހަކަތައް އަޑުއެހުމަށާއި އެމީހުންނަށް ފާރަލައި ބަލައި، ހެކި ހޯދުމަށް ފުލުހުންނަށް ބާރު ލިބޭ ގޮތަށް ގަވާއިދެއް ހަދައި ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކޮށްފިއެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި "ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު" ގައިވާ ގޮތުން ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ކަންކަން ހޯދައި، ބަލައި، އެ ކަންކަން ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމަށާއި ޖިނާއީ ބޮޑެތި ކުށްކުށުގެ ތަހުގީގަށާއި އެފަދަ ކުށްތައް ހޯދައި ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމަށް އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ޖާސޫސް ކުރެވޭނެއެވެ.

އެގޮތުން އެފަދަ ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ނޭނގޭ ގޮތަށް، އެ މީހަކު ކުރާ ކަންކަމާއި ބައްދަލުކުރާ މީހުންނާއި ދާ ތަންތަން ދެނެގަތުމަށްޓަކައި، އޭނާ މޮނިޓާ ކުރެވޭނެއެވެ. އަދި އެ މީހަކާ ގުޅުމެއް އުފައްދައިގެން، އެ ގުޅުމުގެ ތެރެއިން ކުރެވޭ ސުވާލުންނާއި ލިބޭ މައުލޫމާތުން ތަހުގީގަށް ބޭނުންވާ ކަންކަން ހޯދުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.

އޭގެ އިތުރުން އެފަދަ ތުހުމަތެއް ކުރެވޭ މީހަކު ދިރިއުޅޭ ގެއެއްގައި ނުވަތަ އޭނާ ބޭނުން ކުރާ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމަށް ނުވަތަ ބެލުމަށް، ކެމެރާ އާއި އަޑުއެހޭނެ ވަސީލަތްތައް ގާއިމުކޮށް، އެ ގެއެއްގައި ނުވަތަ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމާއި މަންޒަރު ރެކޯޑުކުރުމާއި ބެލުމުގެ ބާރުވެސް ގަވާއިދުން ދީފައިވެއެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން، މުއާސަލާތީ ވަސީލަތްތަކާއި ސިޓީ އާއި ލިޔުމާއި އީމެއިލާއި ފޯނު މެދުވެރިކޮށް އެމީހަކު ހިންގާ މުއާމަލާތްތައް ހޯދައި ބެލުމާއި އަޑުއެހޭނެއެވެ. އަދި ވަކި ބާވަތެއްގެ ކުށެއް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މީހާ، އެކަން ކުރަމުން ދަނިކޮށް ހެއްކާއެކު އަތުލައިގަތުމުގެ ގޮތުން ސްޓިންގް އޮޕަރޭޝަން ހިންގުމުގެ ބާރުވެސް އެ ގަވާއިދުން ފުލުހުންނަށް ލިބިދެއެވެ.

އެ ގަވާއިދުގައިވާ ގޮތުން އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެ އުކުޅުތައް ބޭނުންކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް ކަނޑައަޅައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކު ނުވަތަ އެއަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރަކަށް ހުއްދަ ދެވިދާނެއެވެ.

އަދި ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކޮށްގެން ހޯދާފައިވާ ހެއްކެއް އެފަދަ މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި ބޭނުންކުރުމަށް ހުށަހަޅާ ނަމަ، އެ ހެއްކާ އެކު އެކަމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓު ޝަރީއަތަށް ހުށަހަޅަންވާނެ ކަމަށާއި ނަމަވެސް އެއްވެސް ލިޔުމެއްގައި ނުވަތަ އެފަދަ ލިޔުމެއް ތައްޔާރު ކުރުމުގައި އިންޓެލިޖެންސް ސޯސް ހާމަވާނެ ފަދަ އެއްވެސް މައުލޫމާތެއް ހިމަނައިގެން ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން، ހާއްސަ އުކުޅެއް ބޭނުން ކޮށްގެން ހޯދައިފައިވާ ހެކީގެ މައްޗަށް ބިނާކޮށް ދައުވާކޮށްފައިވާ މައްސަލައެއްގެ ޝަރީއަތުގެ މަރުހަލާގައި އެ މައްސަލައެއް ސާބިތުކުރުމަށް، އިންޓެލިޖެންސް ސޯސް ހާމަވެދާނެ ފަދަ ގޮތަކަށް ހެކިބަސްދޭނެ ފަރާތެއް ކޯޓަށް ކޮންމެހެން ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވިދާނެއެވެ.

ނަމަވެސް އިންޓެލިޖެންސް ސޯސް ހާމަވާ ފަދަ ގޮތަކަށް ހެކިބަސް ދޭނެ މީހެއްގެ މައުލޫމާތު، އެ މީހަކު އިންކާރުކުރާ ނަމަ، އެ މީހެއްގެ ނުރުހުމުގައި އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްގެން ނުވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.