ގދ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅުވާލުމަށް ހަދާފައިވާ ކޯޒްވޭ އިން ދަތުރު ނުކުރެވޭ ވަރަށް ކޯރެއް ކަނޑާލައިފި އެވެ.
މަޑަވެލީ ކައުންސިލުގެ ރައީސް ފިޔާޒް ހަސަން "ވަން" އަށް މިއަދު ވިދާޅުވީ، މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލާފައިވާ ކަން އެނގުނީ މިއަދު ހެނދުނު ކަމަށާއި ބެލެވޭ ގޮތުގައި އެކަން ކޮށްފައި ވަނީ ރޭ ދަންވަރު ކަމަށެވެ.
"ހޯޑެއްދޫއާ ގާތްގަނޑަކަށް ތިރީސް ފޫޓް ކައިރިން ވަނީ ވަކިކޮށްލާފައި،" ފިޔާޒް ވިދާޅުވި އެވެ.
ފޫޓަކަށް ވުރެން ފުން މިނުގައި ކޯޒްވޭ ވަނީ ކަނޑާލާފަ އެވެ. އެކަމުގެ ސަބަބުން އެ ދޭތެރެއިން ދުއްވާ އެއްޗެހި ދަތުރު ކުރުން ހުއްޓިފައިވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.
މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫ އަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާތީ، ކޯޒްވޭ ނެގުމަށް އެދި އެރަށު ކައުންސިލުން ޕްލޭނިންގް މިނިސްޓްރީގައި ދާދި ފަހުން ވަނީ އެދިފަ އެވެ.
ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް މީގެ ކުރިން ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތީން އެކި މިނިސްޓްރީތަކަށް އަންގައި، އަދި އެކަމާ ގުޅިގެން މިއަހަރުވެސް، އެންވަޔަރަމެންޓް މިނިސްޓްރީ އަދި އީޕީއޭއާ ވެސް ބައްދަލުވުންތަކެއް ބާއްވާފައި ވާނެ ކަމަށެވެ. އެގޮތުން މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާތީ ހޯޑެއްދޫ ކައުންސިލުން މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ނެގުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.
ހަތަރު އަހަރު ވާއިރުވެސް މި މައްސަލައަށް އެއްވެސް ހައްލެއް ލިބިފައި ނުވާތީ ރަށުގެ ކައުންސިލުންނާއި އަދި ރަށުގެ ރައްޔިތުންވެސް އެކަމާ ނުހަނު ކަންބޮޑުވާ ކަމުގައި ވާރިޝް ފާހަގަކުރެއްވާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު